ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މައުލޫމާތު ދޭން ފަސްޖެހޭ ވަރަކަށް ފަސާދައަށް ޖާގަލިބޭ: ރައީސް

Sep 28, 2020
3

މައުލޫމާތު ހާމަ ކުރަން ދައުލަތް ފަސް ޖެހޭ ވަރަކަށް ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށާއި މައުލޫމާތު ހާމަ ކުރަން ދައުލަތް އިސްކަން ދޭނަމަ ނަޒާހަތްތެރިކަން އިތުރު ވެގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރޭ "މަހޯލި" މަޖައްލާގެ ސަޕްލިމެންޓަކަށް ރައީސް ސޯލިހު ދެއްވި ހިތޯބެއް މެދުވެރި ކުރައްވާ މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދިން އެންމެ މުހިންމު އެއް އަސާސީ ހައްގަކީ، މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ހައްގު ކަމަށެވެ. އަދި އެއީ އެކަނި ރައްޔިތުންގެ ހައްގެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ނިޒާމީ ގޮތެއްގައި ދައުލަތެއް ހިނގަހިނގާ އޮތުމަށްޓަކައި ވެސް، މައުލޫމާތު ހޯދުމާއި، މައުލޫމާތު ލިބިދިނުމާއި، މައުލޫމާތު އާންމު ކުރުމުގެ ނިޒާމެއް ގާއިމުވެފައި އޮންނަންޖެހޭ ކަމަށާއި އެ ހައްގު ގާނޫނުއަސާސީގެ 27، 28، 29 ވަނަ މާއްދާއާއެކު ކަށަވަރުވާ ކަމަށެވެ.

ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާއި ހިޔާނަތާއި މަކާރާއި ހީލަތް ހުއްޓުވަން ވަރަށް ބޭނުންތެރި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ. އަދި އެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މައުލޫމާތު ހާމަ ކުރުމަށް ފަސްޖެހޭ ވަރަކަށް ފަސާދައިގެ އަމަލުތަކަށް ޖާގަ ލިބޭނެ ކަމަށެވެ.

ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނޫން،
އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ

"... ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، އަސާސީ ހައްގުތަކެއް ކަމަށް، ގާނޫނު އަސާސީގައި ކަނޑައަޅާފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި އެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިން ކަމަށް، ގާނޫނު އަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ، އެ ހައްގުތައް ރައްޔިތުންނަށް ލިބިގެން ކަމަށްވާތީ އެވެ. ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ، އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނޫނެވެ. އެމައު ލޫމާތުތައް ލިބިގަތުމަކީ ރައްޔިތުންގެ ހައްގުކެވެ. އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ." ރައީސްގެ ހިތޯބުގައި ވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރީ އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމަށް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.