ކެބިނެޓް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު އެލަވަންސްތަކެއް ދެނީ

Jun 13, 2023

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖައާކުރުމާ ގުޅޭގޮތުން ސޯޝަލް ސާވިސް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްސީލުތައް ސަރުކާރުން ފަހުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދޭން ފަށާފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. މިއީ އެހީ ދޭން ފެށި ފަހުން މި އެހީ މުރާޖައާކުރެވޭ ފުރަތަމަ ފަހަރެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު އިތުރުކުރައްވާނެ ކަމަށް ރައީސް ސޯލިހް މީގެކުރިން ވިދާޅުވެފައިވެ އެވެ. އަދި މިމަހުގެ ތެރޭގައި އެކަމުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.