ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް އެންގެވީ މިއަދު ކުރިއަށްދިޔަ ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.
މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ އާ ގާނޫނެއްގެ ބިލެއް އެކުލަވާލައިގެން ނަމަވެސް އެކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތަށް ރައީސް ސޯލިހް އެންގެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ރައީސް ސޯލިހް އަންގަވާފައި މިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށެވެ. ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލްގައި ގެންދަނީ ފަރުވާ ދެމުންނެެވެ.
ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ އެމްއެންއެންޑީފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އިންނެވެ. އެބޭފުޅުން ކޮންމެ ތަނަކަށް ވަޑައިގެންނެވި ނަމަވެސް އަރިހުގައި ސިފައިން ތިއްބަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ދައުލަތުން ރަސްމީ ގެކޮޅެއް ހަމަޖައްސައިދީފައި ހުރި ނަމަވެސް މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެބޭފުޅުންގެ އަމިއްލަ ގެކޮޅުގަ އެވެ. އެއީ އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ތަޖުރިބާކާރު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.