ކެބިނެޓް

ނަޝީދަށް ދިން ހަމަލާ ވަޒީރުންގެ މަޖިލީހުން ކުށްވެރިކޮށްފި

May 11, 2021
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ބޮމުގެ ހަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އެއީ ޓެރަރިޒަމްގެ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ ހަމަލާއާ ގުޅިގެން ތަހުގީގު ޓީމުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި، ދައުލަތުގެ އެންމެހާ ބާރުތަކާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ޔަގީންކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. އަދި ރައީސް ނަޝީދުގެ މިހާރުގެ ހާލުކޮޅާ ގުޅޭގޮތުންވެސް ރައީސް ސޯލިހް ވަނީ ވަޒީރުންގެ މަޖިލީހަށް މައުލޫމާތު ދެއްވާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން ލިބިފައިވާ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު މިދިޔަ އާދިއްތަ ދުވަހު ރައީސް ސޯލިހް ވަނީ އޭޑީކޭ އަށް ވަޑައިގެން ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާލައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ ހަމަލާ ދިން މީހުންގެ ތަހުގީގު އަވަހަށް ނިންމާ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނެ ކަމަށެވެ. އަދި މިހަމަލާއާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމާ ގުޅިގެން ރައީސް ސޯލިހް ވަނީ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށްވެސް އަންގަވާފަ އެވެ.