އެމްޑީޕީ

ގައުމީ މަޖިލީހުގައި ވަޒީރުން ހައްޕު ކިޔައިގެން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި "ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބަލަން އެމްޑީޕީން ހާއްސަ ކޮމެޓީއެއް އުފައްދާ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވަމުން ގެންދާއިރު އެ ބައްދަލްވުންތަކުގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ނުދައްކަވާތީ އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމެޓީއެއް އުފެއްދީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެެއްގަ އެވެ. "މޭ ހައެއް ކޮމެޓީ" ގެ ނަމުގައި އުފެއްދި ކޮމެޓީއަކީ އުނގުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށައަޅުއްވާ ފެންކުންފުނީގެ ޗެއާމަން އަދި މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް ތާއީދު ކުރައްވާ ހުށައެޅުއްވި ހުށައެޅުއްވުމަކަށް އުފެއްދެވި ކޮމެޓީ އެވެ.

ކޮމެޓީގައި ފަސް މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މެންބަރަކާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.

ގައުމީ މަޖިލީހުގެ އެ ޖަލްސާގައި ވަނީ ކޮމެޓީގެ މަސައްކަތްތައް ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހަށް ހުށައަަޅަން ޖެހޭ ގޮތަށް ނިންމާފަ އެވެ. އެ ނިންމުމާ އެއްގޮތަށް ރޭ ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ.

އެ ބައްދަލްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި އެ ދާއިރާގެ އެމްޑީޕީގެ ރައީސް ހަސަން ޝިޔާން ވަނީ ބައްދަލުވުންތަކުގައި އެމްޑީޕީގެ ވަޒީރުން ބައިވެރިވެވަޑައިގެން ވާހަކަ ނުދައްކަވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވަޒީރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނެވެ. ނަމަވެސް އެންމެ ފަހުން އޮތް ދެ ބައްދަލުވުމުގައި ވެސް އެއްވެސް ވަޒީރެއް އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. ބައްދަލްވުންތަކުގައި ވާހަކަ ދެއްކެވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު އެކަންޏެވެ.

ޝިޔާން ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ޕާޓީގެ އިސް ބޭފުޅުން އަދި ވަޒީރުން އެއްވެސް އެއްޗެއް ވިދާޅު ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މި މައްސަލައަށް އޮތް އިހުމާލު އެކަމުން ހާމަވާ ކަމަށެވެ.

"އެމަނިކުފާނަށް [ރައީސް މުހައްމަދު ނަޝީދު] އެވަރުގެ ބޮޑު އަނިޔާއެއް ބަޔަކު ދީގެން އުޅޭއިރުގައި މިކަމުގެ ހައްސާސްކަން މި ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދީ ހެދުން އެއީ މުހިންމު ކަމެއް. މިކަމަށް އިހުމާލުވުން އޮތްލެއް ބޮޑު ކަން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ މީގެ ތެރެއިން މި ޕާޓީގެ ވެސް ގިނަ އަދަދެއްގެ ބަޔަކު މިކަން މިއީ ބޭނުން ވެގެން އުޅޭ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް އެބަ ސިފަވޭ. އާންމު ރައްޔިތުން އެބަ ގަބޫލު ކުރޭ މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭބޭފުޅުން މިފަދަ ބައްދަލްވުންތަކުގައި އެއްޗެކޭ ވިދާޅު ނުވާތީ، އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް އަޅުގަނޑަށް ފާހަގަ ކުރެވުނު ސަރުކާރުގެ އެއްވެސް ވަޒީރަކު އެއްވެސް އެއްޗެކޭ ވިދާޅެއްނުވި،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ މިވަރުގެ ބޮޑު ކަމެއް މިހާ ފަސޭހަކޮށް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ މި ހަމަލާގައި ރަނގަޅު އަދަދެއްގެ ފައިސާ އެކުލެވިގެން ވާނެ ކަމަށް ގަބޫލު ކުރެވޭތީ ފަންޑު ކުރި މީހުން ހޯދަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާ ދިނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވާހަކަ ދެއްކެވި ދުވަހުގެ ރޭ ކަަމަށާ އެެހެން ކަމުން ހަމަލާގެ އަޑީގައި ތިބީ ހިޔާނާތުގެ ބައިވެރިން ކަމަށް ވެސް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ ހައެއްފަހެއްގެ ހަމަލާގެ ތަހުގީގު ލަސްކަން ފާހަގަ ކޮށްފައެވެ. އަދި މާބޮޑަށް ފަސް ވެއްޖެނަމަ މަޑުން ނުތިބޭނެ ކަމަށް ވިދާޅުވެ މަގުމައްޗަށް ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.