ދުނިޔެ

ޔުކްރޭނަށް ސުލްހަ ނުވެވިގެން އުޅެނީ އިނގިރޭސިންނާ ހެދި: ޕެސްކޯފް

ރަޝިއާ އާއެކު ސުލްހަވުމަށް ޔުކްރޭނަށް ލިބުނު ފުރުސަތުގެ ބޭނުން ނުފައި ދޫކޮށްލީ އިނގިރޭސިވިލާތުން ޔުކްރޭނަށް ކުރި ޕްރެޝަރުގެ ސަބަބުން ކަމަށް ރަޝިއާ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

ތުރުކީގެ އިސްތަމްބޫލްގައި 2022 ގައި އޮތް މަޝްވަރާ ބައްދަލުވުންތަކުގައި ޔުކްރޭންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑޭވިޑް އަރަޚާމިއާ ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވައި ޕެސްކޯފް ވިދާޅުވީ -- އިނގިރޭސިން ހިމާޔަތްކުރަން ޔުކްރޭނުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، ސުލްހައަށް ހުރަސްއެޅިި ބަޔަކީ އިނގިރޭސިން ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިން ދެއްކި މަގުން ހިނގަން ހަދައިގެން ޔުކްރޭނަށް އިގުތިސާދީ އަދި އުމްރާނީ ގޮތުން ފޫނުބެއްދޭ ވަރުގެ ލަނޑު ލިބެން ފެށުމުން ޑޭވިޑް އަރަޚާމީ ވަނީ އިސްތަމްބޫލްގައި ދިމާވި ބައެއް ހާދިސާތައް ޓީވީއަށް ކިޔައިދެއްވާފަ އެވެ.

ޑޭވިޑް އަރަޚާމީ ވިދާޅުވި ގޮތުގައި ރަޝިއާއާ ސުލްހަވެގެން ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔުކްރޭން ސަރުކާރަށް އަމުރުކުރެއްވި އެވެ. އަދި ހަނގުރާމަކޮށް ރަޝިއާ ބަލިކުރަން ވެސް އޭނާ އަމުރުކުރެއްވި ކަމަށް ވެސް އަރަޚާމީ ވިދާޅުވި އެވެ.

ޕެސްކޯފް ވިދާޅުވި ގޮތުން ޔުކްރޭން ވަނީ އެ ގައުމަށް ވުރެ އެހެން ގައުމުތައް އިސްކޮށްފަ އެވެ. އަމިއްލަ ގައުމުގެ މަސްލަހަތަށް ވުރެ ޔުކްރޭން ސަރުކާރަށް މުހިންމެވީ އެމެރިކާއާ އިނގިރޭސިން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން އާއެކު ސުލްހަައިގެ މަޝްވަރާތަކެއް ރަޝިއާއަށް ކޮންމެހެން މުހިންމު ނޫން ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ. އެކަމަކު އެކަށީގެންވާ ރަނގަޅު ފުރުސަތެއްގައި ސުލްހައަށް ހުރަސް ނާޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭން ލައްވައި އެމެރިކާއާ އިނގިރޭސިން ކުރުވާ ހަނގުރާމަ އަކީ އެ ދެ ގައުމުގެ އިގުތިސާދު ކުރިއަރުވަން އަތުރާ ކުޅިބައެއް ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ފަށައިގަނެ އަދި ދުވަސްތަކެއް ނުވެ ރަޝިއާއިން ޖަރުމަނަށް އަޅާފައި އޮތް ނޯޑް ސްޓްރީމް ގޭސްހޮޅިތައް ގޮއްވާލުމުން -- ރަޝިއާއަށް ގޭހުގެ ވިޔަފާރި ވަނީ ގެއްލިފައި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔޫރަޕަށް ބޭނުންވާ ގޭސް މިހާރު އެންމެ ގިނައިން ވިއްކަނީ އެމެރިކާއިން އަދި ބޮޑު އަގުގައި ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.

މިއީ ޔޫރަޕަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއްކަން ޔޫރަޕަށް ވެސް މިހާރު އެނގޭ ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ.