އައިލެންޑް އޭވިއޭޝަން

އައިކޮމްއަށް ޖަވާބުދާރީވާކަށް ނުޖެހޭނެ: އައިއޭއެސް

Jan 2, 2021
4

އައިލެންޑް އޭވިއޭވަން ސާވިސް (އައިއޭއެސް) އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޖަވާބުދާރީވާން ޖެހޭ ކުންފުންޏެއް / އިދާރާއެއް ނޫން ކަމަށް ބުނެ އައިއޭއެސް އިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގައި ޗެލެންޖް ކޮށްފި އެވެ.

އާންމު ފަރާތަކުން އެ ކުންފުނިން ސާފު ކުރަން ހުށަހަޅި މައުލޫމާތެއް ނުދީގެން އެ މައްސަލަ އައިކޮމްއަށް ހުށަހަޅާފައި ވެއެވެ.

އެ މައްސަލައިގެ ޕްރިލިމިނަރީ އަޑު އެހުމެއް މިދިއަ ބުރާސްފަތި ދުވަހު ބޭއްވި އިރު އައިއޭއެސްގެ ލީގަލް ކައުންސަލް، ޝަމީމް ފައިސަލް އަހުމަދު ވަނީ އިންފޮމޭޝަން ކޮމިޝަނަރު، ހުސައިން ފިޔާޒު މޫސާގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ "އަޅުގަނޑުމެން [އައިއޭއެސް] ގަބޫލު ކުރާ ގޮތުގައި ރައިޓް ޓް އިންފޮމޭޝަން އެކްޓް މިހާރު އޮތް ގޮތަށް ބަލާ ކަމަށް ވަންޏާ އައިލެންޑް އޭވިއޭޝަންގެ މައްޗަށް [އެ ގާނޫނު] އެޕްލައިއެއް ނުވާނެ" ކަމަށެވެ.

އަދި ވިދާޅުވީ އެ އުސޫލުން ބަލައި މިހާތަނަށް އެ ކުންފުނިން އަމަލު ކުރަމުން އައީ އިންފޮމޭޝަން އޮފިސަރަކު ވެސް ނުލައި ކަމަށާއި އައިކޮމްގެ ގާނޫނުގެ ތެރެއަށް އައިއޭއެސް ވަންނަ ކަމަށް އެ ކުންފުނިން ގަބޫލު ނުކުރާއިރު އެފަދަ ގާނޫނެއްގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައުލޫމާތެއް ދިނުމަކީ ވެސް ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބަލާއިރު. ގާނޫނުގައި ދައުލަތުގެ އިދާރާ މާނަ ކޮށްފައި އޮތް އޮތުމަށް ބަލާއިރު ވަރަށް ސާފުކޮށް ފެނޭ އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތައް ދައުލަތުގެ އިދާރާ މާނަ ކުރުމުގެ ތެރެއަށް ނުފެތޭކަން" ޝަމީމް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން އައިކޮމްގެ ގޭނޫނުން އައިއޭއެސް ޖަވާބުދާރީ ކުރުމުގެ އިހުތިސޯސު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާތޯ ވެސް އޭނާ އެއްސެވި އެވެ.

އައިކޮމްގެ ހުރިހާ އަޑު އެހުމެއްގައި ރިޔާސަތު ބަލަހައްޓަވާ އިންކޮމިޝަނާ ބުރާފަތި ދުވަހުގެ އަޑު އެހުމުގައި ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން އުފުލަނީ ދައުލަތުގެ މަސްއޫލިއްތެއް ކަމަށާއި އަދި ދައުލަތުން ބެޖެޓާއި ސަބްސިޑީެއް ދިނުމާއެކު ހާއްސަކޮށް 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތައް އެ ގާނޫނުގެ ތެރެއަށް ފެތޭނެ ކަމަށެވެ. އަދި ޝަރީއަތުން އެކަމަށް ގޮތެއް ކަނޑައަޅަން ދެން އެ މަނިކުފާނު ގަބޫލު ކުރައްވާނީ ވެސް އެގޮތަށް ކަމަށެވެ.

އެއާ ގުޅުވައި ޝަމީމް ވިދާޅުވީ "އައިއޭއެސް އަކީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތެއް ދިނުމަށް އުފައްދާފައި އޮތް ކުންފުންޏެއްގެ ގޮތުގައި ނުދެކޭ" ކަމަށެވެ. "ދެކެނީ ހަމައެކިނި ވިޔަފާރި ކުންފުޏެއްގެ ގޮތުގައި" ކަމަށެވެ.