އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

"މަހޯލި އެވޯޑު"ގެ އުސޫލު އާންމުކޮށްފި

"މަހޯލި އެވޯޑު" ގެ ނަމުގައި އިންފޯމޭޝަން ކޮމިޝަނާގެ އޮފީސް (އައިކޮމް) އިން ދޭން ފަށާ އެވޯޑުގެ އުސޫލްތައް އާންމުކޮށްފި އެވެ.

އައިކޮމް އިން "މަހޯލި އެވޯޑު" ތައާރަފްކޮށް އެވޯޑް ދޭނެ އުސޫލުތައް އާންމު ކުރި އިރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާމެދު އާންމުން ހޭލުންތެރިކަން އިތުރުކޮށް އެ ހައްގާމެދު އަހުލުވެެރި ކުރުމަށްޓަކައި އެވޯޑް ދެނީ މީޑިއާގެ އިދާރާތަކާއި، ނޫސްވެރިން، ޖަމިއްޔާ ޖަމާއަތްތައް އަދި އިންފޮމޭޝަން އޮފިސަރުންނަށެވެ.

މީޑިއާގެ ދާއިރާއިން "މަހޯލި އެވޯޑު" ދިނުމުގައި ބަލާނެ މިންގަނޑާއި، ނޫސްވެރިން ހޮވުމުގައި ބަލާނެ މިންގަނޑާއި ޖަމިއްޔާ ޖަމާއަތްތައް އަދި އިންފޮމޭޝަން އޮފިސަރުން ހޮވުމުގައި ބަލާނެ މިންގަނޑު މިހާރު ވަނީ އާންމުކޮށްފަ އެވެ.

މީޑިއާއިން "މަހޯލި އެވޯޑު" ދިނުމުގައި ބަލާ މިންގަނޑު

  • ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާ އިދާރާއަކަށް ވުން
  • މައުލޫމާތު ހޯދަން ހުށައެޅި ފޯމްތަކުގެ އަދަދާއި ލިބުނު މައުލޫމާތުގެ އަލީގައި ހަދާފައިވާ ރިޕޯޓްތައް
  • ގާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކޮށްފައިވާ މަސައްކަތް

ނޫސްވެރިން ހޮވުމުގައި ބަލާނެ މިންގަނޑު

  • މައުލޫމާތު ހޯދަން ދައުލަތުގެ އިދާރާތަކަށް ހުށައެޅި ފޯމްތަކުގެ އަދަދު، އަދި ލިބުނު މައުލޫމާތުގެ އަލީގައި ހަދާފައިވާ ރިޕޯޓްތައް
  • ފަރުދީ ގޮތުން ގާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކޮށްފައިވާ މަސައްކަތް

ޖަމިއްޔާ ޖަމާއަތްތައް ހޮވުމުގައި ބަލާނެ މިންގަނޑު

  • ވެބްސައިޓްގެ ރަސްމީ އެޑްރެސް
  • ޖަމިއްޔާގެ ތަސައްވުރާއި އަމާޒް
  • ޖަމިއްޔާގެ ރަސްމީ އީމެއިލް
  • ޖަމިއްޔާގައި ކޮމެޓީއެއް ނުވަތަ ބޯޑެއް އޮތްނަމަ މެންބަރުންގެ ނަމާއި މަގާމު
  • ޖަމިއްޔާގެ ތާރީހާއި، ކާމިޔާބު އަދި މުހިންމު ލަނޑުދަނޑިތައް

އިންފޮމޭޝަން އޮފިސަރުން ހޮވުމުގައި ބަލާނެ މިންގަނޑު

  • ގާނޫނުގެ ދަށުން މުއްދަތުގެ ތެރޭގައި މައުލޫމާތު ދޫކޮށްފައިވުން
  • މައުލޫމާތު ދޫކުރެވިފައިވާ އަދަދު
  • ގާނޫނުގެ ދަށުން ހުށައެޅިފައިވާ މައްސަލަތައް ނިންމާފައިވާ ގޮތް
  • ވެސްބައިޓްގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވުން
  • ގާނޫނަށް އަހުލުވެރިވެފައިވާ މިންގަނޑު
  • ގާނޫނުގެ ދަށުން ހުށައެޅިފައިވާ ހުށައެޅުންތައް ރައްކާކޮށްފައި ބެހެއްޓިފައިވާ މިންވަރު
  • އިންފޮމޭޝަން ކޮމިޝަނަރުގެ އިސް ނެގުމުގެ މަތިން އަހަރީ ރިޕޯޓް އައިކޮމްއަށް ހުށައަޅާފައިވުން

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ "މަހޯލި އެވޯޑު" އެވޯޑް ދިނުން އޮންނާނީ "މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގްވާމީ ދުވަސް" ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި ކަމަށެވެ. އެހެން ކަމުން "މަހޯލި އެވޯޑު" ލިބޭ ފުރަތަމަ ފަރާތްތައް އިއުލާނު ކުރާނީ މިއަހަރުގެ "މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގްވާމީ ދުވަސް" ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި ކަމަށެވެ.

މި އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

"މަހޯލި އެވޯޑު"ގެ ނަމުގައި އައިކޮމްގެ ފަރާތުން އެވޯޑެއް ތައާރަފްކޮށްފައިވާއިރު މައުލޫމާތު ހޯދައި، ހާމަކުރާ ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑް ދޭން ނިންމާފައިވާ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވަނީ އިއުލާނު ކުރައްވާފައެވެ.

ފިޔާޒް އެދުވަހު ވިދާޅުވީ އެވޯޑަށް ގާބިލު ފަރާތްތައް ބަލާނީ 2020 ގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މައުލޫމާތު ހާމަ ކުރުމުގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާ ސެޕްޓެމްބަރު 28 ގައި ބާއްވާ ޖަލްސާގެ ތެރެއިން އެވޯޑު ދޭނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ އާރްޓީއައި އެވޯޑު ނޫސްވެރިންގެ އިތުރުން ޖަމިއްޔާތަކަަށް ވެސް ދޭން ނިންމާފައިވާ ކަމަށެވެ.