އިންފޮމޭޝަން ކޮމިޝަނަރު، ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 1:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓު www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު 31، 2019 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވި އިރު އެ އޮފީސް (އައިކޮމް) ހިންގެވުމާ ހަވާލުވެ ވަޑައިގެން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަދަލުތައް ގެނައުމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ގާނޫނުގައިވާ ގޮތަށް ފުޅާކޮށް، އާންމުނަށް އެންމެ މުހިންމު އެއް އިދާރާއަށް އައިކޮމް ބަދަލުކޮށް ދެއްވާފައި ވެއެވެ.
ފިޔާޒަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ނޫސްވެރި ކަމުގައި 19 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ހަވީރު ނޫހުގަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރާއްޖެޓީވީގެ ސީއީއޯގެ މަގާމުގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒު އިއްޔެ އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވެވި ގާނޫނީ ވަކީލު މަހްފޫޒު ސައީދާއި ފިޔާޒުގެ އަނބިކަނބަލުންގެ ހިއްސާ އޮންނަ ގޮތަށް "އަދަދު" ގެ ނަމުގައި އާ ދުވަހު ނޫހެއް ފެށުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ނޫހުގެ ޗީފް އެޑިޓަރުގެ ގޮތުގައި މަސައްކަތް ކުރައްވާނީ ފިޔާޒެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.