އިންފޮމޭޝަން ކޮމިޝަނާ

އީއީޒެޑްއާ ގުޅޭ މައުލޫމާތުތައް އަންނަ މަހުގެ ނިޔަލަށް ދޭން އަންގައިފި

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު -- އީއީޒެޑްއާ ގުޅޭ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހޯދަން އެދުނު މައުލޫމާތު ކުރިއަށް އޮތް ސެޕްޓެމްބަރުގެ ނިޔަލަށް ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

ރާއްޖޭގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފާ ގުޅުންހުރި ކަންކަމުގައި ރައީސް އޮފީހުން މިހާތަނަށް ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އިލްމުވެރިންގެ ގުޅުމުން ހުށަހެޅީ މިއަހަރުގެ މެއި 17 ވަނަ ދުވަހު އެވެ.

މައުލޫމާތު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ރައީސް އޮފީހަށް އަންގާފައި މިވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތު ލިބިފައި ނުވާތީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ރައީސް އޮފީހުގެ ބޭފުޅުންނާ އެކު ބޭއްވި އަޑުއެހުމެއްގަ އެވެ.

އިލްމުވެރިންގެ ގުޅުމުން އެދިފައިވާ މައުލޫމާތު ހިއްސާކޮށްފައި ނުވާ ސަބަބާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު ސުވާލުކުރެއްވުމުން ރައީސް އޮފީހުގެ ލީގަލް ޓީމުން ބުނީ ހިއްސާކުރެވެން ހުރި މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ. އިލްމުވެރިންގެ ގުޅުމުން ހޯދަން އެދިފައިވާ މައުލޫމާތުގެ ގޮތުން އަދިވެސް އިތުރު ވަގުތުކޮޅެއް ބޭނުންވާ ކަމަށްވެސް ބުންޏެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ އެ ޖަމިއްޔާ އިން ހޯދަން ބޭނުންވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަހަރު ކަމުގައިވާ 1978 އަހަރުން ފެށިގެން ރާއްޖޭގެ އީއީޒެޑްއާ ގުޅިގެން ރައީސް އޮފީސް ތެރެއިން ކުރިއަށް ގެންގޮސްފައިވާ ހުރިހާ މުއާމަލާތްތަކެއް ކަމަށެވެ.

މިބައްދަލުވުމުގައި އެއްބަސްވުމަކަށް އައީ މިހާރު ލިބެން ހުރި މައުލޫމާތު މިހާރުވެސް ހިއްސާކުރުމަށާއި ބާކީ ހުރި މައުލޫމާތުތައް ކުރިއަށް އޮތް ސެޕްޓެމްބަރުގެ ނިޔަލަށް ހިއްސާކުރުމަށެވެ.