ރައީސް އޮފީސް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު އިސްލާހުކުރަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު އަވަސްއަށް މިކަން ޔަގީންކޮށްދެއްވި ނަމަވެސް އިސްލާހު ގެންނަން ނިންމި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

"މިއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި ހިމެނޭ އިސްލާހެއް،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި މިވަނީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ހާޒިރު ނުވާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.