ސަރުކާރުގެ އިދާރާތަކުން ހުޅުވާލާ ބީލަންތަކުގެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފި އެވެ.
އެ އޮފީހުގެ މި ނިންމުން އައީ ރ އަލިފުށީގެ ރޮސްޓްރަމް އަދި ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތުގެ ބީލަމުގެ މައުލޫމާތު ހޯދުމަށް އާންމު ފަރާތަކުން އެދުމުން އެ މައުލޫމާތު ކަމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ނުވާ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ މައްސަލަ ބެލުމަށް ފަހުއެވެ.
އެ މައްސަލަ ބެލުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން ހާމަކޮށް ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބިޑެއްގެ މައުލޫމާތު ހާމަ ނުކުރާނަމަ އެކަން ނުކުރަން އެކަށީގެންވާ ސަބަބެއް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ބީލަން ވަޒަން ކުރަން ގެންގުޅޭ މިންގަނޑު އެކި ބީލަންތަކުގައި ތަފާތުއިރު ބީލަން ވަޒަން ކުރުމަށްފަހު ދޭ ޕޮއިންޓް ހިމެނޭ ހުލާސާ ރިޕޯޓެއް އާންމު ކުރަން ޖެހޭނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
އަދި ބީލަމެއްގެ މައުލޫމާތު ހޯދަން ރައްޔިތަކު އެދުމުން އެކަން އެ ގޮތަށް ކޮށްދިނުމަކީ އާންމު މަސްލަހަތު އެކަމުގައި އޮތް ގޮތް ކަމަަށެވެ. އިންފޮމޭޝަން ކޮމިޝަނަރު ވަނީ ރ އަލިފުށީގެ ރޮސްޓްރަމް އަދި ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތުގެ ބީލަމުގެ މައުލޫމާތު 10 ދުވަސްތެރޭގައި ދިނުމަށްވެސް އަންގާފައެވެ.