ހަބަރު

ދީބާޖާ ހުކުމް މުރާޖައާ ކުރަން އެދެން ފާސްކޮށްފި

Dec 3, 2019
3

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވައިފަ އެވެ.

އެ ބައްދަލުވުމުގައި، ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓު ގައި މުރާޖައާ ކުރުމަށް ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީގެ ރިޕޯޓާބެހޭ ގޮތުން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެފައިވާކަން ވަރަށް ބޮޑަށް ހާމަވި އެވެ. ދީބާޖާ މައްސަލަ އަލުން މުރާޖައާކޮށް ނާކާމިޔާބު ވެއްޖެނަމަ، 348.10 މިލިއަން ރުފިޔާ ދައްކަންޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެއް ބައި މެންބަރުން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖައާ ކުރުމަކީ ވަރަށް ގޯސް ދޮރެއް ހުޅުވިގެންދާނެކަމެއް ކަމަށް އެ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ނަމަވެސް، ކޮމިޓީގެ ނިންމުމަށް ތައީދުކޮށް ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުން ވިދާޅުވި ގޮތުގައި، ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ހުކުމްކުރި އަދަދަކީ މާބޮޑު އަދަދެއްކަމަށް މިހާރުގެ ބަންޑާރަ ނައިބު ވެސް އެއްބަސްވެވަޑައިގަންނަވާއިރު، އެ ހުކުމް މުރާޖައާކުރަން ނޭދެންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މުރާޖައާ ކުރުމާ ދެކޮޅު ހައްދަވާ މެންބަރުންނަށް އެ ފައިސާގެ ތެރެއިން ފައިސާއެއް ލިބޭކަމުގެ ތުހުމަތުތައްވެސް ވަނީ އަމާޒުވެފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.