ރައްޔިތުންގެ މަޖިލިސް

ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ ހުށަހަޅައިފި

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އިމްތިޔާޒު މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެވެ.

މި މައްސަލަ ބޭރުކޮށްލާފައިވަނީ 48 މެންބަރުންގެ ވޯޓުންނެވެ. މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

މައްސަލަ ހުށަހަޅުއްވަމުން ހުސެއިން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.

ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ދެއްވި ޖަވާބުގައި މަޖިލީހަށް ހުށަހަޅަންޖެހޭނީ ރާއްޖޭގެ ބޭސްލައިންތަކުން ފެށިގެން 12 ނޯޓިކަލް މޭލާ ހަމައަށް އޮންނަ ސަރަހައްދަށް ބަދަލެއް ގެންނަނަމަ ކަމަށް ފާހަގަކޮށްފައިވާ ކަމަށް ހުސެއިން ވިދާޅުވި އެވެ.

"(ކަނޑުގެ ސަރަހައްދަށް ބަދަލު ގެނައުމުގައި) މިކަމުގައި މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަނައިބު ދެކިވަޑައިގަތުމަކީ މުޅި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫން ކަމަށް ދެކޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް،" ހުސެއިން ވިދާޅުވި އެވެ.