ހަބަރު

މާކިއުރީން ގެއްލުންވާ މިންވަރުގެ ހޯދުންތައް ހިއްސާކޮށްފި

ރާއްޖޭގައި އެކުލަވާލެވުނު މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ގެ ހޯދުންތައް ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.

"މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ" އަކީ، މާކިއުރީ އަދި މާކިއުރީއާ ގުޅުންހުރި މާއްދާތަކުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ސަލާމަތްކުރުމަށް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު، އެކުލަވާލާފައިވާ މުއާހަދާ އެކެވެ.

އެ މުއާހަދާގެ މަގުސަދުތަކުގެ ތެރޭގައި، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްހަތާއި ތިމާވެށި ރައްކާތެރިކުރުމަށް މެންބަރު ގައުމުތަކުން ފިޔަވަޅުތައް އެޅުން ހިމެނެއެވެ. އެ މުއާހަދާ ރާއްޖެއިން ތަސްދީގު ކުރުމަށް މަގުފަހިކުރުމަށް "މިނަމާޓާ އިނީޝިއަލް އެސެސްމަންޓް" ނަމުގައި އެސެސްމަންޓެއް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

އެ މިނިސްޓްރީން ބުނީ، މިނަމާޓާ އިނީޝިއަލް އެސެސްމަންޓްގެ ބޭނުމަކީ، ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަށް އެކުލާވާލާފައިވާ މުއާހަދާ ރާއްޖެއިން ތަސްދީގު ކުރުމުގެ ކުރިން، ރާއްޖޭގައި މާކިއުރީ އާގުޅުންހުރި މާއްދާތައް ބޭނުންކުރެވޭ ގޮތާއި، ބޭނުންކުރެވޭ ދާއިރާތަކާއި އެތަކެތި ރެގިއުލޭޓްކުރުމަށް ހުރި މެކޭނިޒަމްތަކާއި، އުސޫލުތައް ދެނެގަނެ، އަދި އިތުރުށް ހަރުދަނާ ކުރަންޖެހޭ ދާއިރާތަކާބެހޭ މައުލޫމާތުތައް އެއްކުރުން ކަަމަށެވެ.

މި އެސެސްމަންޓްގައި އެއްކުރެވުނު މައުލޫމާތުތަކުގެ ތެރޭގައި، މާކިއުރީ މާއްދާ އެކުލެވޭ އިކުއިޕްމަންޓް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، މާކިއުރީ މެނޭޖްކުރުމަށް އެންމެ އެކަށީގެންވާ ކަމާގުޅޭ ގާނޫނާއި ގަވައިދުތައް ރާޢްޖޭގައި އެކަށައަޅާފައި ހުރިތޯ، އަދި މާކިއުރީ މެނޭޖްކުރުމުގެ ގާބިލުކަން ސަރުކާރާގެ އިދާރާތަކުގެ ހުރި މިންވަރު ދެނެގަތުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރާއްޖެއަކީ، މާކިއުރީ މައިނިންގް މަސައްކަތްކުރާ ނުވަތަ އުފައްދާ ގައުމެއް ނޫންކަމަށާއި އެހެންކަމުން ރާއްޖެއަށް މާކިއުރީ ހިމެނޭ ތަކެތި އެތެރެވަނީ އެހެން ގައުމުތަކުން އުފައްދާ ތަކެތި އިމްޕޯޓުކުރުމުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ބޭނުންކުރާ ތަކެތީގެ ތެރެއިން މައިގަނޑުގޮތެއްގައި މާކިއުރީ ހިމެނޭ ތަކެތިކަމުގައި ފާހަގަކުރެވިފައިވަނީ، ބެޓެރިތަކުގައާއި، ކޮންޕެކްޓް ފުލޮސިސަންޓް ލޭމްޕްތަކުގައާއި، ސިއްހީ ދާއިރާގައި ބޭނުންކުރާ ތާމޯމީޓާސް އަދި ޑެންޓަލް އެމެލްގަމްގައި ކަމަށާއި މިތަކެތި ކުނީގެގޮތުން ނައްތާލުމުގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރެވޭގޮތްތައް ހަމަޖައްސަންޖެހޭކަމަށްވެސް ޒާހިރު ވަނީ ވިދާޅުވެފަ އެވެ.