ހަބަރު

ރައީސް ފިޝަރީޒް އެކްސްޕޯ ފައްޓަވައިދެއްވައިފި

Dec 6, 2019
8

މި އަހަރުގެ ފިޝަރީޒް އެކްސްޕޯ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބާއްވާ ފިޝަރީޒް އެކްސްޕޯ 2019 މި އަހަރު އޮތީ ހުޅުމާލޭގެ ހުރަވީ ސްކޫލުގަ އެވެ.

އެކްސްޕޯ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯއަކީ މަސްވެރިކަމުގައި ބޭނުން ކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތައް އަދި ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފެންނާނެ ގޮތް ހެދުމުގެ ބޭނުމުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި ދިވެހި ކުންފުނިތަކުގެ އުފެދުއްންތައް އެންމެހާ ފަރާތްތަކަށް ހާމަކޮށްދިނުމަކީ ވެސް މުހިންމު ބޭނުމެއް ކަމަށް ޒަހާ ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ކުރިޔަށް އޮތްތަނުގައި ވެސް މި އެކްސްޕޯ މިއަށް ވުރެ ވެސް ފުޅާވެ ވީހާ ވެސް ގިނަ މަސްވެރިކަމާ ބެހޭ ވަސީލަތްތައް ފެނިގެން ދިޔުން،" ޒަހާ ވިދާޅުވި އެވެ.

މިއީ ފިޝަރީޒް އެކްސްޕޯ ބާއްވާ ތިން ވަނަަ އަހަރެވެ. މި އަހަރުގެ އެކްސްޕޯގައި 14 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބޭރުގެ ކުންފުންޏެއް ވެސް ހިމެނެ އެވެ. މި އެކްސްޕޯ ކުރިޔަށް ދަނީ މިއަދުން ފެށިގެން ތިން ދުވަަހަށެވެ.