މަސްވެރިން

ކިރުވި މަހަށް ފައިސާ ނުލިބޭތީ މަސްވެރިން ކަންބޮޑުވެއްޖެ

މިމަހު ކިރުވި މަހަށް މިހާތަނަށްވެސް ފައިސާ ލިބިފައިނުވާ ކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މަސްވެރިން ބުނީ މިމަހުގެ މެދުތެރެއިން ފެށިގެން މިފްކޯއަށް މަސްވެރިންގެ އަތުން ގަންނަ މަހަށް ފައިސާ ލިބިފައިނުވާ ކަމަށެވެ. ކޮންމެ ދުވަހަކުވެސް މަސް ކިރަމުންދާ ކަމަށާ ނަމަވެސް ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ނުލިބިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އަޅުގަނޑުމެން މީ ދިވެހި މަސްވެރިން. އަޅުގަނޑުމެންގެ އަނބިދަރިން އެ ތިބީ ނުކައި ނުބޮއި. މިހާރު މަސްދުވަސް މިވަނީ. ކޮންމެ ދުވަހަކު މަސްކިރަން. ނަމަވެސް ފައިސާއެއް ނުލިބޭ." މަސްވެރިންގެ ޝަކުވާތައް ހިއްސާކުރަމުން ބުނެފައިވެއެވެ.

މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ނުލިބޭތީ އެކަމުގެ ކަންބޮޑުުވުން ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންވެސް މިއަދުގެ ޖަލްސާގައި ވަނީ ފާޅު ކުރައްވާފައެވެ. ސައުދު ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މަސްވެރިން ބޭނި މަހަށް ލިބެންޖެހޭ ފައިސާ ނުލިބިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މަސްވެރިންނަށް ކުރިމަތިވެދާނެ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދާދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ބާނާ މަސް އެކަށް ގަނެ ސްޓޯ ކުރެވޭނެ ވަރުގެ ކެޕޭސިޓީ އުފެއްދުމަށްޓަކައި މަސައްކަތްތަކެއްކޮށް އެކަމަށް ބަޖެޓް ވެސް ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ރާއްޖޭގައި މަސް ރައްކާކޮށް، އަގު ހިފެހެއްޓޭނެ އެވެ.

އަދި މަސްވެރިންނަށް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވިއެވެ.