ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަަސް ގަންނަ އަގު ދޫކޮށްލުން މަސްވެރިން ބަލައެއް ނުގަތް: ރައީސް

މަަސް ގަންނަ އަގު ހެޔޮކުރަން ސަރުކާރުން ގެނައި ބަދަލު މަސްވެރިން ބަލައިގެންފައި ނުވާ ކަން އިންތިހާބުން ހާމަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ މަސްވެރި ބައެއް ދާއިރާ ތަކުން ވެރިކަން ކުރާ އެމްޑީޕީ އަށް ލޯކަލް ކައުންސިލްގައި ލިބުނު ނާކާމިޔާބީގެ ސަބަބުން އެނގެނީ މަހުގެ އަގަށް ގެނައި ބަދަލު މަސްވެރިން ބަލައިގެންފައި ނެތުން ކަމަށެވެ.

"މަސް ގަންނަ އަގަށް ވުރެ ކުޑަ އަގެއްގައި ގަންނަން ފެށީ އެކަން ކުރީ މިފްކޯ އަށް ގެއްލުން ވަމުންދާތީ އިންޓަނޭޝަނަލް މާކެޓަށް ރިއާޔަތް ކޮށްފަ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަސްވެރިން އެކަމެއް ބަލައެއް ނުގަތް. ގެއްލުމެއް ކަމަށް މަސްވެރިން ދެކެނީ. އޭގެ ހިޔާލު ތަކެއް މަސްވެރިން ފާޅުކޮށްފައިވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްވެރިކަމަށް މިހާރު ގެންނަ ތަރައްގީގެ މަޝްރޫއުތައް ނިމިގެންދާއިރު މަސްވެރިންގެ ކަންބޮޑުވުންތައް ފިލައިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ރައީސް އިޝާރާތް ކުރެއްވެވި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

"މީގެ [މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓް] ތަކުގެ އަލީގައި މަސްވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ. މި ނަގަނީ ވަގުތު ކޮޅެއް އެ ވަގުތުކޮޅު ތެރޭގައި ކަންކަން ހައްލުވެ ނިމޭއިރު ކަންބޮޑުވުން ތަކަށް ހައްލު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ހަތް އަހަރަށް ފަހު ދޫކޮށްލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު އެވެ. މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލުމާއެކު ކުރިން 20 ރުފިޔާ އަށް އެންމެ ކުޑަ އަގެއްގައި ގަންނަމުން ދިޔަ މަސް ކިލޯއެއްގެ އަގު މިހާރު އުޅެނީ 13 ރުފިޔާ އަށެވެ.

ސަރުކާރުން ވަނީ މަސްވެރިކަން ތަރައްގީ ކުރަން 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ފެލިވަރާއި ކޫއްޑޫ ތަރައްގީކުރަން ނިންމައި، ފެލިވަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.