ހަބަރު

މޫސުމީ ބަދަލުތަކަށް ކައުންސިލަކާއި ފަންޑެއް ގާއިމު ކުރަން ހުށަހަޅައިފި

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެއިން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން މަސައްކަތް ކުރުމަށް ގައުމީ ކައުންސިލެއް އުފައްދައި އެ ކަމަށް ހޭދަ ކުރާނެ ފަންޑެއް ގާއިމު ކުރާ ގޮތަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަސް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގައިވާ ގޮތުން އެ ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގައުމީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސް އުފައްދަވަން ޖެހެ އެވެ. އެ ތަނުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކާ ގުޅޭ ގައުމީ ސިޔާސަތުތަކާއި ގަވާއިދުތަކާއި ޕްލޭންތައް ހަދައި ހިންގުމުގައި މިނިސްޓްރީއަށް ލަފާ ދިނުމެވެ.

ކައުންސިލްގައި ތިބޭނީ އެންވަޔަރަމެންޓް މިނިސްޓްރީގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފަކާއި، ޕްލޭނިން މިނިސްޓްރީގެ އިސް މުވައްޒަފަކާއި، އިކޮނޮމިކް މިނިސްޓްރީގެ އިސް މުވައްޒަފަކާއި، ޓޫރިޒަމް މިނިސްޓްރީގެ އިސް މުވައްޒަފަކާއި، ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓްރީގެ އިސް މުވައްޒަފެކެވެ.

އޭގެ އިތުރުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް މުވައްޒަފަކާއި އާންމުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ މީހަކާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފަރާތުން މީހެއް ވެސް ކައުންސިލްގައި ތިބެން ޖެހޭ ކަމަށް ބިލުގައި ބުނެ އެވެ.

ބިލުގައި ބުނާ ގޮތުން އެ ކައުންސިލަށް މެންބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސް އެވެ. މެންބަރުންގެ ތެރެއިން ކައުންސިލްގެ ޗެއާޕާސަންގެ ގޮތުގައި މެންބަރަކު އަދި ވައިސް ޗެއާޕާސަންގެ ގޮތުގައި މެންބަރަކު ރައީސް އައްޔަން ކުރައްވަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ގައުމީ ކައުންސިލްގެ ބައްދަލުވުންތައް މަދުވެގެން އަހަރަކު ދެ ފަހަރު ބާއްވަން ޖެހެ ކަމަށާއި، އިތުރު ބައްދަލުވުންތައް ބޭއްވުމުގެ އިހްތިޔާރު ކައުންސިލްގެ ޗެއާޕާސަނަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ. އަދި ބައްދަލުވުމެއް ބޭއްވޭނީ މަދުވެގެން ހަ މެންބަރަކު ހާޒިރުވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ކައުންސިލުން ނިންމާ ނިންމުމެއް ނިންމޭނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އެ ތަނުގެ އިދާރީ ކަންކަން ބަލަހައްޓާނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ބިލުގައި ބުނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކައުންސިލްގެ ލަފައާއެކު މެދު ރާސްތާގެ ޕްލޭނަކާއި މެދު ރާސްތާގެ ޕްލޭނަކާއި ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ. އެ ގޮތުން ދުރު ރާސްތާއާއި މެދު ރާސްތާގެ ޕްލޭން މަދުވެގެން އަހަރު ދުވަހުގެ ތެރޭގައި އަދި ގައުމީ އެކްޝަން ޕްލޭން މަދުވެގެން ދޮޅު އަހަރުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ.

އޭގެ އިތުރުން ގަނޫނު ތަންފީޒު ކުރަމުން އަންނަ މިންވަރުގެ ރިޕޯޓެއް ކައުންސިލުން ކޮންމެ އަހަރަކު މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށާއި މިނިސްޓްރީއަށް ރިޕޯޓް ލިބޭތާ 30 ދުވަހުގެ ތެރޭގައި ރައީސްއަށާއި މަޖިލީހަށް ފޮނުވަން ވާނެ ކަމަށް ބިލުގައިވެ އެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ ފަންޑެއް ގާއިމު ކުރަނީ

ގާނޫނުގެ މަގްސަދުތައް ހާސިލް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނަށް އަމަލު ކުރަން ފަށާތާ މަސް ދުވަސް ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް ގާއިމު ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެ ފަންޑު ބަލަހައްޓަން ތިން މެންބަރުންގެ ބޯޑެއް ރައީސް އެކުލަވާލަން ޖެހެ އެވެ. ބިލުގައި ބުނާ ގޮތުން ފަންޑު ގާއިމު ކުރާތާ މަސް ދުވަސް ތެރޭގައި އެ ބޯޑަށް މެންބަރުން އައްޔަން ކުރަން ޖެހެ އެވެ. އެ ބޯޑަށް އައްޔަން ކުރަން ވާނީ އެންވަޔަރަމެންޓް މިނިސްޓްރީގެ އިސް މުވައްޒަފަކާއި ޕްލޭނިން މިނިސްޓްރީގެ އިސް މުވައްޒަފެއް އަދި ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފެކެވެ.

ފަންޑުން ފައިސާ ދޫކުރުމާއި ބޭނުން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް މިނިސްޓްރީގެ ލަފައާއެކު ފަންޑު ބަލަހައްޓާ ބޯޑުން އެކުލަވާލަން ވާނެ ކަމަށާއި އަދި ފަންޑު ހިންގުމުގައި ވެސް ބިލުގެ ދަށުން އުފައްދާ ގައުމީ ކައުންސިލްގެ ލަފާ ހޯދަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ކޮންމެ މާލީ އަހަރަކު އޮޑިޓާ ޖެނެރަލް އިން ފަންޑު އޮޑިޓްކޮށް ރައްޔިތުންގެ މަޖިލީހަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށާއި ފަންޑު ހިނގި ގޮތުގެ އަހަރީ ރިޕޯޓެއް ރައީސް އަށާއި މަޖިލީހަށް މިނިސްޓަރު ހުށަހަޅަން ޖެހޭ ކަމަށް ބިލުގައިވެ އެވެ. އަދި އޮޑިޓް ކޮށްފައިވާ ފަންޑުގެ މާލީ ބަޔާންތައް ބޯޑުން ކޮންމެ އަހަރަކު އާންމު ކުރަން ވެސް ބިލުގައި ލާޒިމުކޮށްފައިވެ އެވެ.