ރައްޔިތުންގެ މަޖިލިސް

ކޮތަޅު ފީގެ އިސްލާހު ދިރާސާކުރަން ސަބް ކޮމިޓީއެއް

ޕްލާސްޓިކް ކޮތަޅު ބޮނޑިން ކޮތަޅު ފީ ނެގުން އިސްތިސްނާ ކުރަން ކުނިމެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރަން މުޅި މަޖިލީހުގެ ސަބް ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލުގެ އިތުރަށް ދިރާސާކުރުމަށް ހަތް މެންބަރުންގެ ސަބް ކޮމިޓިއަކަށް ފޮނުވުމަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދެވެ.

އެ ގޮތުން މި ބިލަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި ބިލަކަށްވާތީ ވަރަށް ބޮޑަށް ދިރާސާ ކުރެވެންޖެހޭނެ ކަމަށް މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވި އެވެ. މި ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ތާއީދު ކުރެއްވި އެވެ. ބިލު ދިރާސާކުރަން ސަބް ކޮމިޓިއަކަށް ހުށަހެޅުމަށް ފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެވެ.

ބިލު ދިރާސާކުރާ ސަބް ކޮމިޓީއަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ހުށަހެޅުއްވި ހަތް މެންބަރުންގެ ނަން ފާސްވީ ވޯޓު ދެއްވި 28 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު ދިރާސާކުރުމަށް އެކުލަވާލި ސަބް ކޮމިޓީ

  • އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ
  • ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ
  • ހުސައިން މުހައްމަދުދީދީ - ފުވައްމުލަކު މެދު ދާއިރާ
  • އިބްރާހީމް ރަޝީދު - މާފަންނު މެދު ދާއިރާ
  • ޔާސިރު އަބްދުއްލަތީފު - ކުޅުދުއްފުށި އުތުރު ދާއިރާ
  • އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  • އަބްދުލްމުހުސިން ހަމިދު - ނިލަންދޫ ދާއިރާ

ޕްލާސްޓިކް ކޮތަޅު ބޮނޑިން ކޮތަޅު ފީ ނެގުން އިސްތިސްނާ ކުރަން ކުނިމެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ އިސްތިސްނާ ކުރުމަށެވެ.