ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ދެ ރުފިޔާގެ ޓެކްސް 50 ލާރިއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ސަލީމް ހުށަހެޅުއްވީ ކޮތަޅުން ނަގާ ފީ ކުޑަކުރުމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު،" ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކާލުން ފަދަ ކަންކަމަށް ގަނޑުކޮށް ގަންނަ ކޮތަޅުން، ކޮތަޅު ފީ އިސްތިސްނާ ކުރުމަށް ސަލީމް ހުށަހެޅުއްވި އެވެ.
ކޮތަޅު ފީ ނެގުމުގައި ރީޓެއިލް ފިހާރަތަކާއި ސައި ހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަށް ނިޒާމު ބަދަލުކުރުމަށްވެސް ސަލީމް ވަނީ ހުށަހަޅުއްވާފަ އެވެ.
ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުން ފެށިގެންނެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.
މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.