ފުށިދިއްގަރުފަޅު -- ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.
ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ނިންމާ މަސައްކަތް ފެށިއިރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާފައިވަނީ ހަމައެކަނި 29 ހެކްޓަރުގެ ސަރަހައްދަކަށް ކަމަށާއި އެއީ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 2.26 ޕަސަންޓްކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ފުށިދިއްގަރު ފަޅު ހިއްކުމަށް ހިނގާނެ ޖުމްލަ ހަރަދު ހާމަނުކޮށް ކުއްލިއަކަށް މަޝްރޫއު ބަޔަކާ ހަވާލުކުރުމުން ސުވާލު އުފެދޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކުމަށް ޖުމްލަ 70 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ބަޔަކަށް ދިނީ ކޮން ގޮތަކަށް އަގު ކޮށްފައިތޯ ވަނީ ސުވާލު އުފައްދަވާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށް ދެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
އާބަންކޯ އިން މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ދިގު މުއްދަތަށް ދީގެންނެވެ.
އެގޮތުން ހުޅުމާޅެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާ ކަމަށާއި ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ސީއެމްސީސީއަށް ދޫކުރާނެ ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި ބިން ދޫކުރަނީ ރަސްމާލެ ތަރައްގީކުރަން ހޭދަވާނެ ކަމަށް ބެލެވޭ 99 އަހަރުގެ މުއްދަތަށެވެ.
ފުށިދިއްގަރު ފަޅުން އާދިއްތަ ދުވަހުގެ ނިޔަލަށް 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ފުށިދިއްގަރު ފަޅު ހިއްކުމަށް އެ މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރު ފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައިވެސް އޮތީ ހިމަނާފަ އެވެ.