ރަސްމާލެ

ރަސްމާލެ މަޝްރޫއަށް ދަތިތައް ހުރި ނަމަވެސް ހަގީގަތަކަށް ވާނެ: ހީނާ

ރަސްމާލެ މަޝްރޫއަށް ހުއްޓުމެއް އައީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެ އެ މަޝްރޫއުގެ ބަޖެޓް ފާސްކޮށްދީފައި ނުވާތީ ދިމާވި ކަންކަމުގެ ސަބަބުން ކަމަށާއި ނަމަވެސް މިމަޝްރޫއު ހަގީގަތަކަށް ވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު ވައުދަކަށްވާތީ ރަސްމާލެ މަޝްރޫއު ހަގީގަތަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސްގެ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށާއި ރަސްމާލެ މަޝްރޫއަކީ އެ ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ބަޖެޓު ފާސްވެގެން އައިއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއް އޭރުގައި އޮތީ. އެ މަޖިލީހުން އެންމެ ބޮޑަށް ކުރެއްވި ދަތިކަމަކީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ގޮތަށް އެ ބަޖެޓު ފާސްކުރުން. އެހެންކަމުން ތާރީހުތަކަށް ބަދަލުތަކެއް އެބަހުރި އައިސްފައި،" ހީނާ ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއަށް ބޭނުންވާ 400 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު މަގާމުގެ ހުވާ ނުކުރައްވަނީސް އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ހުށަހެޅި އެވެ. ސަރުކާރުން އޭރު އެ ފައިސާ ބަޖެޓުގައި ހިމެނި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރިއިރު ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެހެން ކަންކަމަށް ހަރަދުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވާތީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މިމަޝްރޫއު ފެށީ އަށް މަސް ދުވަސް ތެރޭގައި ބިން ހިއްކާ ނިންމާލުމަށް އަމާޒު ކަނޑައަޅައިގެން ކަމަށްވީ ނަމަވެސް މިމަޝްރޫއުގެ ހުރިހާ ތާރީހެއް މިހާރު ވަނީ ކައްސާލާފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30،000 ހައުސިން ޔުނިޓް އަޅައި 11،900 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.