ރަސްމާލެ

ރަސްމާލެ މަޝްރޫއުގެ މައްސަލައެއް އޭސީސީ އިން ބަލަނީ

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީ އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ރަސްމާލެއާ ގުޅޭ މައްސަލައެއް އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީ އިން ވެސް ޔަގީންކޮށްދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިފަހުން ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައި ނުގެން ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއު ފަދަ ބިޔަ މަޝްރޫއެއް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ނޫނީ ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. ބަޖެޓްގައި ނުޖަހާ އެ މަޝްރޫއު ކުރިއަށް ގެންދާނަމަ އެކަމުގައި ގޯސްތަކެއް ހުރި ކަމަށް ތުހުމަތުކުރައްވާ އެ މައްސަލަ އޭސީސީ އިން ބަލަންޖެހޭނެ ކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ނުހިންގާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ކޮރަޕްޝަންގެ އަމަލެއް ސަރުކާރުގެ ތެރެއިން ހިންގާނަމަ އެކަމެއް ބަލައި އެންމެ ފުރަތަަމަ ފިޔަވަޅު އަޅުއްވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުގެ ބިން ހިއްކަން ފެށީ އެ މަސައްކަތަށް ބޭނުންވާ ވަރަށް ވެލި ނުހޯދައި ކަމަށްވާތީ އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތު ހުއްޓިފައިވާ ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އިބްރާހީމް މުއްތަލިބް މިމަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިންނެވެ. ރަސްމާލެ މަޝްރޫއަކީ ދައުލަތުން އެއްވެސް ފައިސާއެއް ހަރަދު ނުކުރާ މަޝްރޫއަކަށް ވާތީ މަޝްރޫއުގެ ކޮންޓްރެކްޓަރަށް އެންމެ ހަރަދު ކުޑަކޮށް ކަންކުރެވޭނެ ގޮތްތައް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓަރު މުއްތަލިބް ކުރިން ވިދާޅުވެފައިވެ އެވެ.

ސީއެމްސީސީ އިން ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން 70 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުންވެސް އެޗްޑީސީ އިންވެސް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ސަރުކާރުން މިވިސްނުމުގައި ރަސްމާލެ މަޝްރޫއު ފެށީ ފުށިދިއްގަރުފަޅު ހިއްކުމަށް މިއަހަރުގެ ބަޖެޓްގައި ސަރުކާރުން ހިމެނި 400 މިލިއަން ރުފިޔާ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އުނިކުރުމުންނެވެ.

ފުށިދިއްގަރުފަޅު މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ހިއްކަން ފެށީ މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ގޮތަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 65،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ. ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުވެސް ކޮށްފަ އެވެ.