ހަބަރު

އިންފޯފިޝް ގަވަނިން ކައުންސިލް ބައްދަލުވުން ފަށައިފި

އިންފޯފިޝް ގަވަނިން ކައުންސިލްގެ 34 ވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.

އެބައްދަލުވުން ބާއްވަމުން ގެންދަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިބައްދަލުވުމުގައި ފިޖީގެ ފިޝަރީޒް މިނިސްޓަރު ސެމީ ކޮރޮއިލަވެސައުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިއަހަރު އެ ކައުންސިލްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުންދާއިރު، އެ ގަވަނިން ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ ހަތް މެމްބަރު ގައުމުން ވަނީ ބައިވެރިވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި، އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، ބައިނަލްއަގުވާމީ ދެ އޮބްޒާވަރުންވެސް ބައިވެރިވާ ކަމަށެވެ. ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރަނީ އިންފޯފިޝްއިންނެވެ. އިންފޯފިޝް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ.

މީގެއިތުރުން އިންފޯފިޝްއިން މަސްވެރިކަމާއި އެކުއާކަލްޗާ ގެ ބައެއް ޕްރޮޖެކްޓްތައްވެސް އެހެން ބައެއް، އެހީ ދޭ ޖަމިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެ އެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗާގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ގައުއުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގައި 13 ގައުމެއް ހިމެނެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަގުވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެ އެވެ.