މަސްވެރިން

މަސްވެރިކަމުގެ ދާއިރާއިން އިފާޑްގެ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަ ޑިވެލޮޕްމަންޓް (އިފާޑް)އާ އެކު މަޝްވަރާކޮށްފި އެވެ.

އިފާޑްގެ ކަންޓްރީ ޑިރެކްޓަރު ޝެރީނާ ތަބައްސުމްއާ އެކީ އިއްޔެ ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވަނީ މެރިކަލްޗާ ދާއިރާ ތަރައްގީކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ފާހަަގަކުރައްވައި ސަރުކާރުގެ ވިސްނުން ހުރި ގޮތް ހިއްސާކުރައްވާފަ އެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީ ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.

މިބައްދަލުވުމުގައި ޝެރީނާ ވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިފާޑްގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.