ޑރ. މުހައްމަދު މުއިއްޒު

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަަ ނުދޭން ނިންމަވައިފި

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ނިންމާފައިވ ނިންމުމަށް އަމަލު ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ރައީސް މުއިއްޒު ކުރިން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު މިދިޔަ ޖޫން 13 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ކުރިން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން"ގެ ފަރާތުން ރައީސްއަށް ޝަކުވާތަކެއް ހުށަހެޅުމުން އެ ޝަކުވާތައް ރައީސް ބެއްލެވި ކަމަށެވެ. އަދި ކުރީގެ ނިންމުމަށް އަމަލުނުކުރަން ނިންމެވީވެސް އެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވާނުލުމަށް ރައީސް މިއަދު ންމެވި ނިންމެވުމާ ގުޅިގެން އިތުރު މަޝްވަރާތައް ކުރުމަށް ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އާއި އަދި ކަމާ ގުޅުންހުރި މުހިއްމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަށް ރައީސް މުއިއްޒު ބައްދަލުކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.