ރައީސް މުހައްމަދު ނަޝީދު

ލޭނުއަޅަން ހުއްދަ ދިނުމުން ފަތުރުވެރިކަމަށް ގެއްލުންވާނެ: ނަަޝީދު

ރައީސް ނަޝީދު. __ ފޮޓޯ: އަވަސް.
0%
0%
0%

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ދިނުމަކީ ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު މަސްވެރިކަމުގެ ސަބަބުން ގިނަ އަދަދެއްގެ އެންމަޑި، ކޯމަސް، އެންމަތީ ދޫނި އަދި މިޔަރު ދަލުގައި ޖެހުމުގެ މައްސަލަ ދިމާވާނެ ކަމަށެވެ.

"އެކަމުގެ ސަބަބުން ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށްދާން ބިނާވެފައި އޮތް ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމަށް ގެއްލުންވާނެ،" ނަޝީދު ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހުން ވަނީ ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމަށް ގަވާއިދެއް އެކުލަވާލާފަ އެވެ.

މިނިސްޓްރީން އެކުލަވާލި ގަވާއިދު ޝާއިއު ކުރުމާއެކު މޯލްޑިވްސް އޯޝަން އެލަޔަންސާއި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން ގުޅިގެން އޮންލައިން ޕެޓިޝަނެއްގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިހާތަނަށް އޭގައި 12,000 އެއްހާ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިންވެސް ދެކޮޅު ކަމެކެވެ. ސަރުކާރުގެ މި ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ބައެއް އެހެން ޖަމިއްޔާތަކުންވެސް ގެންދަނީ އަޑުއުފުލަމުންނެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަހައްދަކަށް މަސްވެރިކަން ފުޅާކޮށް މަސްވެރިކަމުގެ ނަފާ އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910