މަސްވެރީން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާ ނަމަވެސް ސަރުކާރުން އެކަން ކުރަން ބޭނުންނުވަނީ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަނެއްކާވެސް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ނަޝީދު މީގެ ކުރީންވެސް ވަނީ މަސްވެރީންނަށް ވީ ވައުދު ނުފުއްދިވާ ކަަމަށް ވިދާޅުވެ ލިޔުމެއް އާންމު ކުރައްވާފައެވެ. އަދި ޓްވިޓާ މެދުވެރިކޮށް މަސްވެރީންގެ އިހުތިޖާޖަށް ހިތްވަރު ދެއްވާފައެވެ.
މިއަދުވެސް އެމަނިކުފާނު ވަނީ ޓްވިޓާގައި އެފަދަ ޕޯސްޓެއް ކުރައްވާފައެވެ. މިފްކޯއިން މަސްވެރީންނާއެކު ބޭއްވި ބައްދަލްވުމެއްގައި ބައިވެރިއަކު ދައްކާ ވާހަކަތަކެއް ހިއްސާކުރައްވާ ނަޝީދު ވިދާޅުވީ މަސްވެރީން ބާނާ މަހަށް ހަދަންވީ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާ އެ ގޮތް ނުހަދަނީ ކަމަށެވެ.
ނަޝީދު ހިއްސާކުރެއްވި ވީޑިއޯގައި ވާހަކަ ދައްކާ މީހާ ވަނީ ހުވަދޫގެ މަސްވެރީން ކޫއްޑޫގެ ކެޕޭސިޓީއާ އައިސް ސްޓޯރޭޖަށް ބަރޯސާވާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި ހުވަދޫގެ މަސްވެރީންނަށް އެ މީހުން ބާނާ މަހަށް އަމިއްލައަށް އިންޓަނޭޝަނަލް މާކެޓް ހޯދޭނެ ކަމަށާ މަސް ފެކްޓްރީތައްވެސް ގެނެވޭނެ ކަމަށް ބުނެފައެވެ.
ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ކިރަން ލިބެން ފެށުމާ އެކު މަސް ކިރާ އަދަދު ކޮންޓްރޯ ކުރިއެވެ. ފުރަތަމަ ނިންމީ ދޯންޏަކުން ފަސް ޓަނު ގަންނާށެވެ. އެކަމާ ގުޅިގެން ކޫއްޑޫ ބަދަރުގައި ބޮޑު އިހުތިޖާޖެއް ފެށުނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ކޫއްޑޫ ބަދަރުގައި އޮތް ހުރިހާ ދޯންޏެއްގައި ހުރި ހުރިހާ މަހެއް ކިރަން ނިންމާފައެވެ. އޭގެ ފަހުން މިހާރު ކިރަނީ ދޯންޏަކުން ހަތް ޓަނެވެ.
މިފްކޯ އިން ބުނީ މަސްވެރީން ބާނާ މަސް އަދިވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ވުމުން ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ނިންްމުމާއެކު މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނުގެ މަސް ކަމަށް ވަނީ ހަމަޖައްސާފައެވެ.