މަސްވެރިކަން އެންމެ ރަނގަޅުވީ ދަނޑިވަޅުގައި މަސްކިރުން ކޮންޓްރޯލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޒިންމާވާން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ މަސްވެރިން ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މަސް ގަންނަން ލިބުމާ ގުޅިގެން މިފްކޯ އަށް މަސް ގަންނަ އަދަދު ވަނީ ކޮންޓްރޯލް ކޮށްފައެވެ. މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަމުން އައީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ. އެކަމާއި ގުޅިގެން މަސްވެރިންގެ ޝަކުވާ ވަރަށް ބޮޑުވެ އިހުތިޖާޖުވެސް ކޮށްފައިވެއެވެ.
ނަމަވެސް ސަރުކާރުން ރޭ ވަނީ ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏަކުން އެ ދޯންޏަކުން ބާނާފައިވާ ހުރިހާ މަހެއް ކިރަން ނިންމާފައެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ޖަމީލް ވިދާޅުވީ އެމްޑީޕީން މަސްވެރިންނަށް ކެހިދިނީ އެޖެންޑާ 19 ވިއްކައިގެން ކަމަށާ އެ ވައުދު ވިއްކަން ރައްޔިތުންގެ ގާތަށް ވަޑައިގެންނެވީ ރައީސް ސޯލިހް އާއި ރައީސް ނަޝީދު އެކުގައި ކަމަށެވެ.
"ހަމަ އަގާއި ކަންނެލި ޖަގަހަ ބިޔަކަނޑުގެ މެދުގައި ހަދާ ވާހަކަ ފަދަ އެތައް ކަމެއް. ނާގާބިލް، ނާއަހްލު އެމްޑީޕީގެ ދެ މާލިމީން ގަސްދުގައި ރާވައިގެން މަސްވެރިންނަށް އޮޅުވާލަންވީ ވައުދުތައް،" އިންތިހާބާ ދިމާކޮށް އެމްޑީޕީން ދެއްކި ވާހަކަތައް ހަނދާންކޮށްދެއްވާ ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން ރަނގަޅު މި ދުވަސްވަރު މަސްނުކިރިގެން މަސްވެރިންގެ ހުރި ޝަކުވާތައް އަޑުއެހުމަށްފަހު ސަރުކާރާއި މިފްކޯގެ މަޝްވަރާގެމަތިން މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދުމަށްފަހު އަލުން މަސްކިރަން ފަށާފައިވާ ކަމަށެވެ.
މިގޮތުން މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން އިމްޕްލިމެންޓޭޝަން ޕްލޭން އެއް ހަދާފައިވާ ކަމަށް ބުންޏެވެ. އަދި މަސްވެރިންނަށް ކިއު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތައް މަސްކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.
މި ޕްލޭންގެ ދަށުން މަސްކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގާފައެވެ. މިވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަސްކިރޭނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.
މަސްވެރިކަން އެންމެ ރަނގަޅުވީ ދަނޑިވަޅުގައި މަސްކިރުން ކޮންޓްރޯލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޒިންމާވާން ޖެހިވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއިރު މަސް ގަންނަ މިންވަރު ކޮންޓްރޯލް ކުރުމުން ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އަދި މަސްވެރިންގެ އިހުތިޖާޖަށް ހިތްވަރު ދެއްވާ ޓްވީޓްވެސް ކުރެއްވިއެވެ.