ހަބަރު

"އެމްޑީޕީ ނޫން ބައެއްގެ އަތްމައްޗަށް ލާމަރުކަޒީ ނިޒާމު ދޫކޮށްލެވޭކަށް ނެތް"

Dec 16, 2019
4

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ނޫން ބަޔަކަށް ލާމަރުކަޒީ ނިޒާމު ހިންގަން ނޭނގޭނެ ކަމަށާއި، އެހެން ބައެއްގެ އަތްމައްޗަށް އެ ނިޒާމުގެ ކަންކަން ހިންގަން ދޫކޮށްނުލުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

"ވިއަވަތި ރާއްޖެ" ނަމުގައި މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ ކައުންސިލަރުންގެ މަހާސިންތާގެ މިއަދުގެ ސެޝަން ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށާއި، އެހެން ކަމުން އެމްޑީޕީ ނޫން ބަޔަކަށް އެ ނިޒާމު ހިންގޭނެ ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމުން ދުރުކޮށްފައި އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން މުޅި ރާއްޖެތެރެ އުވާލާށޭ ވިސްނެވެނީ. ދެން އަޅުގަނޑު ހިތަށް އެރީ އެންމެ ފަހުން ކޮން ރަށެއްގެ ބޮކި ނިއްވާލާފަ ބާއޭ ހުޅުމާލެއަށް ވަޑައިގަންނަވަން އެއުޅެނީ،" ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސްގެ ވައުދުފުޅާ އެއް ގޮތަށް ކައުންސިލްތައް މާލީ ގޮތުން އިތުރަށް ބާރުވެރި ކުރުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅި އެވެ. މަޖިލީހުން އެ ބިލު ދިރާސާ ކުރުމަށްފަހު ފާސްކުރީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ގާނޫނަށް ގެނައި ބަދަލުގެ ތެރޭގައި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. މަޖިލީހުން ފާސް ކުރި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ އެ ބަދަލާ އެއް ގޮތަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމުގެ އިތުރުން ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ވެސް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުން ފާސްކޮށްފައިވާ ބޮޑު ބަޖެޓާއި، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުވެރިކަމާ އަދި ލާމަރުކަޒީ ގާނޫނުން ހާސިލްކުރަން ބޭނުންވާ ތަރައްގީ އަކީ އެހެން ބަޔަކަށް ކުޑަކޮށް ވެސް އެނގޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އިގްތިސޯދީ ހަރަކާތް ހިންގުން ކަމަށެވެ. އެހެންކަމުން މީހުންނާއި ވަޒީފާތަކަށް ފައިސާ ހަރަދުނުކޮށް، އިގްތިސޯދީ ޕްރޮގްރާމްތަކަށް ފައިސާ ހަރަދުކުރުމަށް ނަޝީދު ވަނީ މަހާސިންތާގެ ބައިވެރިންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ލާމަރުކަޒީ ނިޒާމު ފެއިލް ވެއްޖެ ނަމަ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީ. އެހެންވީމަ އެމްޑީޕީ ނޫން ބައެއްގެ އަތްމައްޗަށް މިކަން ދޫކޮށްލެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.