ރައީސް މުހައްމަދު ނަޝީދު

އިންތިހާބުގައި ބަލިވީ ސަރުކާރާ ހެދި: ނަޝީދު

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

އިންޑިއާގެ ވިއޯން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނީ އެމްޑީޕީގެ އަސާސްތައް ސަރުކާރުން ދޫކޮށްލުމުން ކަމަށެވެ.

އެމްޑީޕީގެ އަސާސްތައް ދޫކޮށްލައި ސަރުކާރުގައި ހިމެނޭ މައިނޯރިޓީ ޕާޓީތަކުގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރުމުން އެމްޑީޕީގެ މެންބަރުންނަށް އެގޮތް ކަމުނުދިޔަ ކަމަށާއި އަދި ވޯޓުލާން ވެސް އެ މީހުން ނުދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް ވޯޓު ދޭ މީހުން ތިބީ ހިތްހަމަނުޖެހިފައި. އެހެންވެ އެ މީހުން ބޭނުންވީ ސަރުކާރަށް ހާއްސަކޮށް މާލޭގައި ތިބި ވެރިންނަށް ރަނގަޅު މެެސެޖެއް ދޭން. އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުގެ ވިސްނުން ވަރަށް އަވަހަށް ބަދަލުކުރަން ޖެހޭ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީން ގަބޫލުކުރާ މެދުމިނުގެ ދީނާއި މިނިވަން ފިކުރުގެ އަސާސްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު އަލުން ރުޖޫއަވުން ކޮންމެހެން ވެސް މުހިއްމު ކަމަށެވެ.

އަދާލަތު ޕާޓީން ސަރުކާރު ހިސޯރުކޮށްފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތުކުރައްވާ އިރު "ވިއޯން ނިއުސް"ގައި އެމަނިކުފާނު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅިގެން ސިޔާސީ ގޮތުން ތާއިދު ލިބިދާނެ ކަަމަށެވެ. ނަމަވެސް ދުރުރާސްތާގައި އޭގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ބަލިވި ސަބަބާ ގުޅޭ ގޮތުން މީގެ ކުރިންވެސް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެ އެވެ. ހާއްސަކޮށް މާލެއިން އެމްޑީޕީ ބޮޑުތަނުން ބަލިވީ އެ ޕާޓީއަށް ރަނގަޅަށް ކެމްޕޭން ހަރަކާތްތައް ކުރިއަށް ނުގެންދެވިގެން ކަމަށް ވިދާޅުވެފައިވެ އެވެ.

ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތައް ނަގައިފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ އިތުރުން އެމްޑީޕީން ކުރިން ކޮންޓްރޯލް ކުރަމުން އައި ބައެއް ކައުންސިލްތަކުގެ ގޮނޑިތައް ވެސް ނެގީ ޕީޕީއެމުންނެވެ.
.