އެމްޑީޕީ

ވޯޓުގެ މައްސަލާގައި ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރި ނަމަވެސް ވޯޓުގެ މައްސަލާގައި ކޯޓަށް ނުދާން އެމްޑީޕީން ނިންމައިިފި އެވެ.

ހަ ފޮއްޓެއް އަލުން ގުނައިދިނުމަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އެއީ އާދަޔާ ހިލާފަށް ބާތިލް ވޯޓު ގިނަވެފައިވާތީ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީންގެ އެ ހުށައެޅުން ބަލައިނުގަތުމަށް ނިންމާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އެމްޑީޕީން ހުށައެޅި ހަ ޝަކުވާއަކީ ވެސް ކެންޑިޑޭޓުންގެ މެދުގައިވާ ވޯޓްގެ ފަރަގަށް ވުރެ ބާތިލް ވޯޓް ގިނަވުމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް އެއީ ވޯޓް ފޮށްޓެއް އަލުން ގުނަން ޖެހޭ ސަބަބެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދެ ކެންޑިޑޭޓުންގެ މެދުގައި ފަރަގު ކުޑަވެ ބާތިލް ވޯޓް ގިނަ ވެގެން ވޯޓް ފޮށިތައް އަލުން ގުނަން ނިންމައިފިނަމަ 300 އާ 400އާ ދެމެދުގެ އަދަދެއްގެ ވޯޓް ފޮށި ގުނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓް ފޮށްޓެއް ގުނަން ހުށަހަޅާއިރު ސައްހަ ވޯޓެއް ބާތިލް ވޯޓް ގޮތުގައި ގުނާފައިވާ ކަމުގެ ނުވަތަ ބާތިލް ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނި ކަމުގެ ހެއްކެއް ދައްކަންވާނެ ކަމަށެވެ.

އެ މައްސަލާގައި މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި މަޝްވަރާ ކުރިއެވެ. އަދި ގޮތެއް ނިންމަން ހުށައެޅުމުން މެންބަރުންނަށް ފެނުނީ އިންތިހާބުގެ މައްސަލަތައް ހިފައިގެން ކޯޓަށް ނުދާށެވެ. އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ އިންތިހާބުގެ މައްސަލަތައް ކޯޓަށް ހުށައަޅައިގެން ރައްޔިތުންގެ ނިންމުން ބަދަލު ކުރުމުން ރަނގަޅު ނޫން ކަމަށެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގެ ބައެއް މައްސަލަތައް ކޯޓަށް ހުށައެޅުމުންވެސް އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔެވެ. އަދި އިންތިހާބުތަކާއި ގުޅިގެން ކޯޓުން ނިންމާ ނިންމުންތަކަށްވެސް ފާޑުކިޔާފައިވެއެވެ.