ރިޔާސީ އިންތިހާބު 2023

ހުރިހާ ސަރުކާރަކުންވެސް ވޯޓަށް ނުފޫޒު ފޯރުވާ: ފުއާދު

ރިޔާސީ އިންތިހާބުތަކަށް އެއިރެއްގައި އޮންނަ ސަރުކާރުތަކުން ނުފޫޒު ފޯރުވާކަމުގެ ޝަކުވާ ލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ތާރީހު އިއުލާނު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރަކުން ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ 2008ވަނަ އަހަރުން ފެށިގެން ލިބޭ ކަމަށެވެ.

"އަބަދުވެސް، 2008ން ފެށިގެންވެސް އަބަދުވެސް އަންނަ ޝަކުވާއެއް އެއިރެއްގައި އޮންނަ ސަރުކާރަކުން ކެމްޕޭން ކުރެއްވުމުގެ ތެރޭގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރައްވައޭ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވަސީލަތްތައް ބޭނުންކުރައްވާއިރު ބޭނުންކުރައްވަނީ ނުސީދާ ގޮތަކަށް ކަމަށެވެ.

"މިސާލަކަށް، ދައުލަތުން ނުވަތަ ސަރުކާރުން ބާއްވަން ޖެހޭ ކޮންމެވެސް ޖަލްސާއެއް ބޭއްވެވުމަށްޓަކާ ދައުލަތުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެތަނަށް ދަތުރުކުރެއްވުމަށްފަހުގައި އެޖަލްސާ ނިންމަވާފައި ދެން މިސާލަކަށް އެތަނުގައި ހިންގަވަފާނެ ކޮންމެވެސް ކަހަލަ ހަރަކާތެއް" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އެފަދަ ކަންކަން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަމަށާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ އެފަދަ ކަންކަން އޭސީސީއަށް ހިއްސާކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބެއް އަންނައިރު ވޯޓުލާ މީހާއަށް ތަފާތު ނުފޫޒު ފޯރުވާކަން ފެންނަ ކަމަށެވެ.

"އިންތިހާބެއް އަންނައިރު އަބަދުވެސް ވޯޓުލާ މީހާއަށް ތަފާތު ނުފޫޒު ފޯރުވާކަން، ތަފާތު ނުފޫޒު އަންނަކަން، މިއީ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް،" އިސްމާއީލް ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ނުފޫޒު ފޯރުވަނީ ހަމައެކަނި ސަރުކާރުން ނޫނެވެ. ވޯޓަށް ހުރިހާ ފެންވަރެއްގައިވެސް ނުފޫރު ފޯރުވާ ކަމަށާއި އެގޮތުން އާއިލާ ތެރެއިންނާއި ވަޒީފާ ދޭ ފަރާތްތަކުންވެސް ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "މަގޭ ވިސްނުން - މަގޭ ވޯޓު" އެވެ