ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ރިޔާސީ އިންތިހާބު ބާއްވާ ތާރީހު އިއުލާނު ކުރެއްވީ މެންހެޓަން ބިޒްނަސް ހޮޓެލްގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30ގައި ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ކަނޑައެޅި ޝިއާރަކީ "މަގޭ ވިސްނުން - މަގޭ ވޯޓު" އެވެ
އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ގައުމީ ކޮމްޕްލެއިންސް ބިއުރޯ އާއި އަތޮޅު ކޮމްޕްލެއިންސް ބިއުރޯތައް ވަރަށް އަވަަހަށް އެކުލަވާލާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި ނަމަވެސް އަދި އެ އިމާރާތް ނުލިބޭ ކަމަށެވެ
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި 600 ވޯޓު ފޮށި ބަހައްޓާނެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އިން ވެސް ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ދަނީ ބުނަމުންނެވެ.
މީގެއިތުރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށެވެ. ނަމަވެސް ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ހުކުމްކޮށްފައިވާތީ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތެއް ޔާމީންގެ ކިބައިން ވަނީ ގެއްލިފަ އެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
ރިޔާސީ އިންތިހާބަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައެޅީ 90 މިލިއަން ރުފިޔާ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަނަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.