ދިޔާނާ ސައީދު

"2023 ގައި ވެސް އެމްޑީޕީ ނާކާމިޔާބު ވެދާނެ"

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއަށް ނާކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅު ވެއްޖެ އެވެ.

އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބިގެން ދިޔައިރު އައްޑޫ ސިޓީން ވެސް އެމްޑީޕީން އުއްމީދުކުރި ވަރުގެ ކާމިޔާބީއެއް ނުލިބިފަ އެވެ. އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރާއި އެމްޑީޕީގެ ލީޑަޝިޕަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

އިންތިހާބްގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ދިޔާނާ މިއަދު ވިދާޅުވީ އެ ނަތީޖާއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއަށް ނާކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އޭގެ ކުރިން އެމްޑީޕީއަށް އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ އެހެން ނޫންނަމަ "ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލި" އަދި 2023 ގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ގެއްލިދާނެ ކަމަށެވެ.

"ގައުމެއް ހިންގޭނީ އިލްމާއި ތަޖުރިބާއާ ބުރަ މަސައްކަތުން. ތީނަގެ ބެއްޔާ އާއި އޭނާގެ ލޯބިގަނޑާއި މީނާގެ ޖާރިޔާ އާއި ކާފަގެ ފުށް މާގަނޑު ލައިގެން ބޮއިސްޓޯރުވެސް ނުހިންގޭނެ" ދިޔާނާ ވިދާޅުވި އެވެ.

ނިމިގެން މިދިޔަ އިންތިހާބްގައި އިދިކޮޅު ޕީޕީއެމުން މުހިންމު ބައެއް ދާއިރާތަކުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އޭގެ ތެރެއިން މާލޭ ސިޓީ ފާހަގަކޮށްލެވެ އެވެ.

ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަދި ކުރިން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އައްޑޫ ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ޕީޕީއެމްއިން މިފަހަރު ނެގި އެވެ.