ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 80 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ އޮފީހުގައި އިންނަވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަމުން ރަައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން 50 ޕަސެންޓް ވޯޓް ހޯދި ކަމަށާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑީގެ ޕަސެންޓުން 70 ޕަސެންޓް ވޯޓް ލިބިފައި ވަނީ އެމްޑީޕީއަށް ކަމަށެވެ.
މިހާރު ފެންނަ މަންޒަރުތަކުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި 75 ޕަސެންޓަށްވުރެ އިތުރަށް އެމްޑީޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށާއި އެމަނިކުފާނުގެ އަންދާޒާއަކީ 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުން ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބު ފަސްވަމުން ގޮސް އިންތިހާބު ބޭއްވޭނެ ތާރީހެއް ކަނޑައެޅިފައިވާއިރު މިއީ ބަލިމަޑުކަމުގެ ހާލަތެއް ކަމުން އިންތިހާބުގެ ކެންޕެއިނަށް ހުރަސްތަކެއްވެސް އެބަހުރި ކަމަށެވެ.
"އެހެން ނަަމަވެސް އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ. އެއީ ރިޔާސީ އިންތިހާބުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވިޔަސް އަދި ލޯކަލް ކައުންސިލް އިންތިހާބު ވިޔަސް އެތެރޭގެ އިންތިހާބަކަށް ވިޔަސް. އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރަށް. މިއީ އިންތިހާބުތަކަށް ވަރަށް ފަރިތަ ޕާޓީއެއް،" ރައީސް ނަޝީދު އަރިހުގައި އިންނަވާ ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ރަައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގައި ތިބެ އިންތިހާބަކަށް ނުކުންނައިރު ކޮށްދިނީ ކޮން ކަމެއްތޯ ރައްޔިތުން ސުވާލު ކުރާނެ ކަމަށެވެ. ދާއިރާތަކަށް ރަށްތަކަށް އަދި ސިޓީއަކަށް ކޮށްދިނީ ކޮންކަމެއްތޯ ވެސް ސުވާލު ކުރާނެ ކަމަށެވެ.
"މި ސުވާލުތަކަށް އަޅުގަނޑުމެންގެ އަތުގައި ޖަވާބު އެބައޮތް. މިދިޔަ ދެ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެކި ދާއިރާތަކަށް ވަރަށް ގިނަ ކަންކަން ކޮށްދެވިއްޖެ. މި ކެންޕެއިންގައި އަޅުގަނޑު ހިތުން ތިޔަބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެންމެ މުހިންމު އެއް ކަމަކީ އެކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ދެއްވުން،"
ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެންޕެއިނަށް ވަގުތު ހުސްކުރަން އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާ ސަރުކާރުގެ ވަޒީރުންނާއި ވެރިން ތިއްބެވީ ކޮންދެއްވަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވަން ތައްޔާރަށް ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.