ހަބަރު

ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ޝުޖޫން އައްޔަން ކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ފަނޑިޔާރު ޝުޖޫން އެމަގާމަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ޝުޖޫން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފަ އެވެ. އެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ.

ޝުޖޫންއަކީ ރާއްޖޭގައި ފަނޑިޔާރުކަން ކުރުމުގެ ފުުރުސަތު އެންމެ ފުރަތަމަ ލިބިވަޑައިގަތް އަންހެން ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ. ސުޖޫން ވަނީ ދާދި ފަހުން ބޭއްވި ބާ ކައުންސިލް އިންތިހާބުގައިވާދަކޮށް، އެކައުންސިލަށް ވެސް ހޮވިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓަށް އައްޔަން ކުރުމާއެކު އޭނާ ވަނީ އެ މަގާމުން އިސްތިއުފާދީފަ އެވެ.