ބީއެޗްއެމް ޓްރޭޑާސް

ބީއެޗްއެމްއިން ފިޔަވައްޗާއި ހިޔާއަށް ކިރު ހަދިޔާކޮށްފި

Dec 26, 2019

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއިި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ތިބޭ ކުޑަ ކުދިންނަށް އަހަރު ދުވަހަށްވާ މިންވަރަށް ބީއެޗްއެމް ޓްރޭޑާސްއިން ކޯސްޓް ކިރު ހަދިޔާ ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ކޯސްޓު ކިރުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނީގެ ޑެޕިއުޓީ މެނޭޖަރު، މާކެޓިން އެންޑް ސޭލްސް އިބްރާހިމް ނަބްހާން ނައީމް މިއަދު ވިދާޅުވީ ރާއްޖެއަށް އެ ކުންފުނިން ކޯސްޓް ކިރު ގެނެސް ވިއްކަން ފެށިތާ 30 އަހަރު ފުރުން ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަހަރު ދުވަހަށްވާ މިންވަރަށް ކޯސްޓް ކިރު ހަދިޔާ ކުރަނީ ވެސް އެ ހަރަކާތްތަކުގެ ދަށުން ކަމަށެވެ.

ނަބްހާން ވިދާޅުވީ ބީއެޗްއެމް ޓްރޭޑާސްއިން ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އަހަރު ދުވަސްވަންދެން ކޮންމެ މަހަކު ކޯސްޓްކިރު ހަދިޔާ ކުރާނެ ކަމަށެވެ. އަދި ކޮންމެ މަހަކު އެ ދެ ތަނަށް ކޯސްޓްކިރު ބޭނުންވާ އަދަދު އިތުރު ވެއްޖެނަމަ ޖެހިގެން އަންނަ މަހު އެ އަދަދު އިތުރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް އަހަރު ދުވަސްވަންދެން ކޮންމެ ދުވަހަކު އެންމެ މަދުވެގެން އެއް ތަށި ކިރު ބޮވޭނެ މިންވަރަށް ކޯސްޓްކިރު ފޯރުކޮށްދިނުން. އެ ކުދިންގެ ދުޅަ ހެޔޮކަމަށްޓަކައި." ނަބްހާން ވިދާޅުވިއެވެ.

ރާއްޖެ އަށް ކާނާގެ ގިނަ ބާވަތްތަކެއް ވިއްކަމުން ގެންދާ ބީއެޗްއެމް ޓްރޭޑާސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިކި ކިރުގެ ވިޔަފާރިކުރާ ކުންފުންޏެވެ. އެ ކުންފުނިން ކޯސްޓް ކިރު ދަޅާއި، ޕަކެޓް ވެސް ވިއްކަމުންދެ އެވެ.