ބީއެޗްއެމް ޓްރޭޑާސް

އެކްސްއެލް "ދަޅެއްގައި" ޝިރުހާނާ ދުބާއީއަށް!

Jan 5, 2017
4

ދަޅެއް ބޮއެގެން، ދުބާއީ އަށް ދެވިދާނެ ކަމަށް ގަބޫލު ކުރީ ކާކު ހެއްޔެވެ؟ އެކަމަކު އެކަން ވެސް މި އޮތީ ވެފައެވެ. ބޮވުނު ދަޅެއްގެ ސަބަބުން އޭނާ މިއަދު ހުރީ އުފަލުން ހެވިފަ އެވެ. އޭނާ އަށް ނުހެވެންވީ ސަބަބެއް ވެސް ނެތްތާ އެވެ. އެންމެން ދާން ބޭނުންވާ ހުވަފެނީ ސަހަރު ދުބާއީ އަށް ހިލޭ ޖައްސާލަން ލިބުނީ އެވެ. މިއީ "އެކްސްއެލް ޓެބް ޕްރޮމޯޝަން" ގެ ނަސީބުވެރިޔާ މ. ފަޅުމަތީގޭ، ހައްވާ ޝިރުހާނާގެ އިހުސާސް ތަކެވެ. އޭނާގެ އިހުސާސްތައް އުފަލުން ފުރި ބަންޑުން ވަނީ އެވެ.

"އެއްގޮތަކަށް ވެސް ހިއެއް ނުކުރުން މި އިނާމު ލިބިދާނެ ކަމަށް. އިނާމު ލިބުމުން ހަމަ ސްޕަރައިޒްވީ،" ހެވިފައި ހުރެ ޝިރުހާނާ ބުންޏެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކޮށް ވިއްކާ "އެކްސްއެލް" އެނާޖީ ޑްރިންކުން ކުރި އަށް ގެންދިޔަ މި ޕްރޮމޯޝަންގެ ފޯރި ވަރަށް ގަދަ އެވެ. ފޯރި ވަރުއެރީ ހުށަހެޅި ބޮޑު އިނާމުތަކުންނެވެ. މީގެތެރެ އިން އެންމެ ބޮޑު އިނާމަކީ ދުބާއީ ދަތުރުރެކެވެ. ބީއެޗްއެމުން ހުށަހެޅީ ދުބާއީ ދަތުރު އެކަންޏެއްވެސް ނޫނެވެ. މި ދަތުރުގައި ދުބާއީގައި ފަސް ދުވަހުގެ ހުރުމާއި ދުބާއީގެ މުހިންމު ތަންތަން ބަލައިލަން ދިއުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. އަދި އެންމެން ޑޮލަރު ހޯދަން ދުވާއިރު، ދުބާއީ އަށް ދާން ޝިރުހާނާ އަށް ޑޮލަރު ގަންނަ ދުވާކަށް ވެސް ނުޖެހެ އެވެ. ބީއެޗްއެމުން އޭނާގެ ޖީބަށް 2،000 ޑޮލަރުވެސް ލައިދޭނެ އެވެ.

އެކްސްއެލްގެ ނަސީބުވެރިޔާ ޝިރުހާނާ ބުނި ގޮތުގައި އިނާމު ލިބުނުކަން އެނގުނީ ނުދަންނަ މީހުންގެ ކޯލްތައް ގިނަ ވުމުންނެވެ.

"އިނާމު ލިބުނުކަމެއް ނޭނގެ ކުރިއަކު. ކުއްލިއަކަށް ނުވެސް ދަންނަ ނަންބަރުތަކުން ގުޅަން ފެށީ، ގުޅާފައި ކޮންގްރާ [މަރުހަބާ] ކިޔަން ފެށީ. އެހެންވެ އެނގުނީ،" ރިލެކްސް ޓްރެވަލް އެކްސްޕްރެސްގައި މަސައްކަތް ކުރާ ޒުވާނާ ބުންޏެވެ.

ޝިރުހާނާ އަށް މި އިނާމު ގުރުއަތަކުން ލިބުނު ނަމަވެސް، މިއީ އެ އާއިލާއަށް އާކަމެއް ނޫނެވެ. މީގެ ކުރިން އެތައް ފަހަރު މިގޮތަށް ބޭއްވި އެކި އިނާމުތައް އެ އާއިލާގެ އެކި މެންބަރުންނަށް ލިބިފައި އެބަހުއްޓެވެ. އެހެންވެ އެކްސްއެލްގެ މި އިނާމަކީ މި ކާމިޔާބީއަށް އިތުރު އާ ބޮޅަކަށެވެ. ނަސީބު ފަށް ފަށް ވެގެން ދިޔަ ކަމެކެވެ.

"ކުރިން ވެސް ވަރަށް ގިނަ އިނާމު ލިބުނު. ރޯދަމަހު ވެސް މެސެޖުކޮށްގެން ކެއުން ވެސް ލިބުނު. އަދި އެހެން ޕްރޮމޯޝަންތަކުގައި ފޭސްބުކުން ޝެއާކޮށްގެން ވެސް އިނާމުތައް ލިބުނު،" ޝިރުހާނާ ބުންޏެވެ.

އެކްސްއެލްގެ ދުބާއީ ދަތުރު ލިބުނު ޝިރުހާނާއަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ލިބޭނެ އެވެ. ސުވާލަކީ އޭނާއާއެކު މި ދަތުރު ދިއުމުގެ ނަސީބުވެރިޔަކީ ކާކު ހެއްޔެވެ؟ މި ސުވާލަށް ޝިރުހާނާ ދެވަނަ ވިސްނުމެއް ނެތެވެ. އޭނާގެ މި ދަތުރުގެ ބައިވެރިޔަކީ ލޯބިވާ މަންމަ އެވެ. މި އުފަލުގައި މަންމަ ގޮވައިގެން ދުބާއީއަށްދާން ޝިރުހާނާ ވަނީ ނިންމާފަ އެވެ. އޭނާ ބޭނުންވަނީ އެކްސްއެލް ދަޅެއް ބޮއެގެން ހެވުނު ގޮތަށް، މި އުފަލުގައި މަންމަ ބައިވެރިކޮށް މަންމަ ވެސް ހެއްވާލާށެވެ.