ކުޅިވަރު

ސްވިމިން ޕޫލް ހަދާ ބިން ސާފު ކުރަން ފަށައިފި

ރާއްޖޭގައި މުޅިން އަލަށް ގާއިމް ކުރާ އޮލިމްޕިކް ސްޓޭންޑަޑްގެ ސްވިމިން ޕޫލް ހަދާ ބިން ސާފް ކުރަން ފަށައިފި އެވެ.

ޕޫލް ހަދަނީ ކުޅިވަރު އެކުވެނި ކައިރީގައި ކުރިން ކުނިކޮއްޓަށް ހާއްސަކޮށްފައި އޮތް ބިމުގަ އެވެ. އެ ބިން ސާފު ކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ވަނީ ފަށާފަ އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ރަޝީދު ކޭޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ އެއް މަސް ދުވަހުގެ ތެރޭ ބިން ސާފުކޮށް ނިންމާ ގޮތަށެވެ.


ބިން ސާފް ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ޗަމްޕީ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޮލިމްޕިކް ސްވިމިން ޕޫލެއް ރާއްޖޭގައި ގާއިމު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިދިޔަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ސޯލިހް އެންމެ ފުރަތަމަ ވައުދުވެ ވަޑައިގެންނެވީ އެމަނިކުފާންގެ ރީޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެއްޓެވުމަށެވެ.

މިނިސްޓަރު މަހްލޫފްގެ ޓްވީޓް

ނަމަވެސް އެކަން 100 ދުވަހުގެ ތެރޭގައި ފެށިފައި ނުވަނީ، ޕޫލް ހަދަން އޭރު ހަމަޖެއްސި ބިމުގެ މައްސަލައެއްގެ ޝަރީއަތް ކޯޓްގައި ހިނގަމުން ދިއުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގައި ސްވިމިން ޕޫލެއް ގާއިމު ކޮށްފަ އެވެ. މިހާރުވެސް ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދަނީ އެ ޕޫލްގަ އެވެ. ނަމަވެސް އެއީ އޮލިމްޕިކް ސްޓޭންޑަޑްގެ ޕޫލެއް ނޫނެވެ.

ކުރީގެ ބޮޑު ކުނިކޮށި ހުރި ބިމުގައި އިމާރާތް ކުރާ ސްވިމިން ޕޫލް އިމާރާތް ކުރަނީ ދެ ފަންގިފިލާ ހިމޭނެ ގޮތަށެވެ. ޕޫލް ގާއިމު ކުރަނީ އެއް ވަނަ ބުރީގަ އެވެ. ގުރައުންޑް ފުލޯގައި ހިމެނޭނީ ކެފެޓީރިއާ އަކާއި ސްވިމިންގެ އެކްސަސައިޒްތަކަށް ހާއްސަ ޖިމެކެވެ.

ޕޫލްގައި 50 މީޓަރު 10 ލޭން ހިމެނޭނެ އެވެ. އަދި ވޯމް އަޕަށް ހާއްސަ ކޮށްފައިވާ 25 މީޓަރުގެ ހަތަރު ލޭން ވަކިން ހިމެނޭނެ އެވެ. ސްވިމިން އެސޯސިއޭޝަނުން ރާވާފައި އޮތީ އާންމުންނަށް ވެސް ޕޫލް ބޭނުން ކުރަން ހުޅުވާލާ ގޮތަށެވެ.