ހިމަބިހި ފެތުރުން

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނުކޮށްފި

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން މިކަން އިއުލާނުކޮށްފައިވަނީ އެ މިނިސްޓްރީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައެވެ. މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށާ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާނު ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބަލިން ރައްކާތެރުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހިމަބިހި ނައްތާލެވިފައިވީނަމަވެސް އެފަދަ މީހަކު އަލުން ފެނިއްޖެނަމަ އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މިއަދު ހަވީރު ހަތަރެއް ޖަހާއިރުން ފެށިގެން އަޅުގަނޑުމެން ވެކްސިން ދޭން ފަށާނަން މީގެ އަލާމަތްތައް ފެނުނު ސަރަހައްދުތަކުން އަޅުގަނޑުމެން ފަށާނީ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ކުރިން މި ބަލި ނައްތާލެވިފައިވަނިކޮށް އަލުން ފެނުމުން މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ސަރުކާރުން ނަގާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަނީ މި ބަލި އަލުން ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިދާނެ ކަމަށް ބަލައިގެން ނޫން ނަމަވެސް މިއީ ސީރިއަސް ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ދެކެނީ."

މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ދެނެގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ. އަދި މިއަދުގެ މިވަގުތުން ފެށިގެން ވެކްސިން ނުދީ ތިބި އެއްވެސް ކުއްޖަކު ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ބެލެނިވެެރިން އެ ކުރަނީ ކުށެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވެކްސިން ދިނުމަށް އިންކާރުކޮށް، ވެކްސިން ނުޖަހާ ކުއްޖަކު ހުރި ކަމަށްވާނަމަ ވެކްސިން ޖެހުމަށްފަހު މެނުއީ އެއްވެސް ކުއްޖަކު ސުކޫލަށް ފޮނުވައިގެން ނުވާނެ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް ހިމަބިހި ފެތުރެމުންދާ ގޮތުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. މިހާތަނަށް ތިން ކުއްޖަކަށް މި ބަލި ޖެހިފައިވާއިރު އެ ކުދިން ގޮސްފައިވާ ތަންތަން ދެނެގަނެ، ބަލި ފެތުރެން އޮތް ހުރިހާ މަގުތަކެއް ބަންދު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.