އެޗްޕީއޭ

ހިމަބިއްސަށް ޕޮޒިޓިވް އިތުރު މީހަކު ފެނިއްޖެ

ރާއްޖެއިން ނައްތާލެވިފައިވާ މީސްލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވް ދިވެއްސެއް އަނެއްކާވެސް ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްް މީހާ ފެނުނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އޭނާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

"މި ކޭސް އާ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ މީސަލްސް ކޭސްއާ ގުޅުމެއް ހުރި ކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައެއް ނެތް،" މިދިޔަ ޖުލައި 27 ވަނަ ދުވަހު ފެނުނު ހިމަބިހީގެ ކޭސްއާ ގުޅުވާ އެޗްޕީއޭ އިން ބުނެފަިއވެ އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ފެނުނީ މީހާގެ ބަލީގެ ހާލަތު އިތުރަށް މޮނިޓާކޮށް މީސަލްސް ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް އަދި ބަލިޖެހުނު މީހާ ދިރިއުޅޭ ސަރަހައްދުގައި "ރިންގް ވެކްސިން" ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ކޭސް ފެނުމާ ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްގޮތަށް ބަލި ފެތުރުމުގެ ފުރުސަތު އޮތް ވަރު ދެނެގަތުމާއި އޭނާއާ ކޮންޓެކްޓުވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

މީސްލްސް ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު 97 އިންސައްތަ ކުޑަކޮށްދެ އެވެ. ނަމަވެސް ހިމަބިއްސަކީ އެންމެ ބާރަށް ފެތުރޭ ބަލިތަކުގެ ތެރެއިން ބައްޔަކަށްވުމުން އެ ބައްޔަށް ހުށަހެޅޭ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުސަތު އޮވެ އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ އަލާމަތްތައް ބައެއް މީހުންގެ ފަރާތުން ފެނެ އެވެ. މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

ހިމަބިއްސަކީ ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއް ކަމަށް 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވެ އެެވެ. ނަމަވެސް 2020 ވަނަ އަހަރާއި މި އަހަރުގެ އޭޕްރީލް މަހު ވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެ އެވެ. ނަމަވެސް އޭރު އެ ކޭސްތައް ކޮންޓްރޯލް ކުރި އެވެ.