އެޗްޕީއޭ

ހިމަބިއްސަށް ޕޮޒިޓިވް ދިވެއްސެއް މާލެ ސަރަހައްދުން ފެނިއްޖެ

ރާއްޖެއިން ނައްތާލެވިފައިވާ މީސްލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވް ދިވެއްސެއް މާލެ ސަރަހައްދުން ފެނިއްޖެ ކަމަށާއި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބަލިޖެހިފައިވާ މީހާ ޕޮޒިޓިވް ކަމަށް ކަށަވެރުކުރެވުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި މި ކޭސް ދިރާސާ ކުރުމުގެ ތެރޭގައި އޭނާއަށް ބަލިޖެހިފައިވަނީ ބޭރުނުކަން އެންގިފައިވާ ކަމަށް ބުނެ އެވެ.

އޭނާގެ ހާލު ހުރިގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށާއި އަދި ހާލަތު ރަނގަޅުވަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. އެނާ އަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްފައިވާ މީހެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނީ މިކޭސްގައި އަމަލުކުރަންޖެހޭ ގޮތަށް މިހާރު އޭނާގެ ކޮންޓެކްްޓުން ދެނެގަތުމުގެ މަރުހަލާ ފަށާފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ކަށަވަރުވެފައިވާ މީހުންނަށް އެކަން އަންގާ އޭގެ ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ބަލިޖެހުނު މީހާ ދިރިއުޅޭ ސަރަހައްދުގައި "ރިންގް ވެކްސިނޭޝަން" ކުރިއަށްދާ ކަމަށްވެސް މައުލޫމާތު ދެ އެވެ.

މީސްލްސް ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް ބަލިޖެހުމުގެ ފުރުސަތު 97 އިންސައްތަ ކުޑަކޮށްދެ އެވެ. ނަމަވެސް ހިމަބިއްސަކީ އެންމެ ބާރަށް ފެތުރޭ ބަލިތަކުގެ ތެރެއިން ބައްޔަކަށްވުމުން އެ ބައްޔަށް ހުށަހެޅޭ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުސަތު އޮވެ އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ އަލާމަތްތައް ބައެއް މީހުންގެ ފަރާތުން ފެނެ އެވެ. މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.