ހިމަބިއްސަށް ޝައްކު ކުރެވިގެން ޓެސްޓްތައް ހެދި އުމުރުން 17 އަހަރުގެ ކުއްޖާއަށް އެ ބަލި ޖެހިފައިނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެބަލި ރާއްޖެއިން ވަނީ ފެނިފައެވެ. ކަމާބެހޭ ފަރާތްތަކުން މިއަދު ހެނދުނު ވަނީ ހިމަބިއްސަށް ޝައްކު ކުރެވިގެން އުމުރުން 17 އަހަރުގެ ކުއްޖަކު ޓެސްޓްތައް ހަދަމުންދާ ކަމަށް ބުނެފައެވެ.
ޓެސްޓްތަކުގެ ނަތީޖާތައް ލިބުމާއި ގުޅިގެން ހެލްތު މިނިސްޓްރީން ދެންމެ ބުނީ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށެވެ. އަދި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ދެ އަަހަރު ފަހުން އަލުން ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައިވާއިރު އެ ބަލި އެންމެ ފުރަތަމަ ޖެހިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާއަކީ ހިމަބިހިން ރައްކާތެރިކޮށްދޭ ވެކްސިން ޅަ ފަތުގައި ޖަހާފައިވާ ކުއްޖެއް ނޫނެވެ. އޭގެ ފަހުންވެސް އިތުރު ކުއްޖެއްގެ ގައިން ހިމަބިހި ފެނިފައިވާ ކަމަށް ޝައްކު ކުރެވޭތީ މިހާރު ދަނީ ޓެސްޓް ކުރަމުންނެވެ.
ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.
ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.
ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.