ހަބަރު

ހިމަބިއްސަށް ޝައްކު ކުރެވޭ ތިން ވަނަ ކުއްޖެއްގެ ޓެސްޓްތައް ހަދަނީ

ހިމަބިއްސަށް ޝައްކު ކުރެވޭ ތިން ވަނަ ކުއްޖެއްގެ ޓެސްޓްތައް ހަދަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ދެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އިތުރު ކުއްޖަކު ވެސް ހިމަބިއްސަށް ޝައްކު ކުރެވޭތީ މިހާރު ޓެސްޓްތައް ހަދަމުންދާ ކަމަށެވެ.

ހިމަބިހި ނައްތާލާފައި ވަނިކޮށް އަލުން އެބަލި ރާއްޖެއިން ފެނުމާއި ގުޅިގެން ބަލީގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް އެޗްޕީއޭއިން މިހާރު ވަނީ ހޮޓްލައިނެއް ވެސް ގާއިމްކޮށްފަ އެވެ. އެގޮތުން 7377004 ނަންބަރު ފޯނާ ގުޅުމުން ހިމަބިއްސާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރުވަންދެން އެ ވައިރަސް އެތަނުގައި ހުންނަ ކަމަށާ އަދި އެތަނަށް އަންނަ އެހެން މީހުންނަށް އެ ބަލި ޖެހޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ބައްޔެއްގައި އަހަރަކު 134000 މީހުން މަރުވާ މީސުލްސް (ހިމަބިހި) ރާއްޖެއިން ނައްތާލާފައިވާތީ އެކަމުގެ އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ރާއްޖެއަށް ދީފައިވަނީ ސެޕްޓެންބަރު 7، 2017 ގައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.