ހިމަބިހިން ރައްކާތެރިވާން ޖަހަންޖެހޭ ވެކްސިން މިވަގުތަށް ބޭނުންވާ މިންވަރަށް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރިދާނެތީ އެކަމާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގައި މިވަގުތަށް ބޭނުންވާ މިންވަރަށް ވެކްސިން އެބަހުރި ކަމަށެވެ. އަދި ބަލި އިތުރަށް ފެތުރިދާނެ ހާލަތެއްގައި ރާއްޖެއަށް ފަސޭހައިން ވެކްސިން ގެނެވޭނެ އިންތިޒާމްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކޮށްފައިވާ ކަމަށެވެ.
"މިވަގުތުން ވަގުތަށް ބޭނުންވާ ވެކްސިން އެބަހުރި އިނގޭތޯ. އެހެން ނަަމަވެސް މި ފެތުރިގެން ގޮސް ބަލި ފެތުރޭ ހާލަތެއް ދިމާވެދާނެ ކަމަށް ދުރާލާ ވިސްނާ، ޑަބްލިޔުއެޗްއޯއާ ވާހަކަ ދައްކާ ކޮންމެ ހާލަތެއްގައި ވެސް ބޭނުންވާ މިންވަރަށް ވެކްސިން އެތެރެ ކުރެވޭނެ މަސައްކަތް މިހާރު ވަނީ ފެށިފައި. ވެކްސިން ގެނައުމަށް ހޭދަވާނީ އެންމެ ގިނަވެގެން ވެސް 10 ދުވަސް ކަމަށް އަޅުގަނޑުމެންނަށް މި ލަފާ ކުރެވެނީ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރުން މިހާރަށް ރާއްޖެއަށް ބޭނުންވާނެ ވެކްސިންގެ އަދަދު ވަނީ ކަނޑައަޅާފައި ކަމަށާއި އެ އަދަދަށް ވެކްސިން ރާއްޖެއަށް ގެނެވޭނެ އިންތިޒާމް ވެސް ހަމަޖައްސަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވަނީ ވެކްސިން ނުޖަހާ ފަރާތްތަކުން ވީހާވެސް އަަވަހަށް އާންމު ނިޒާމުގެ ތެރެއިން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލުތަކާމެދު ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެކަން ހިނގަމުންދަނީ އަމިއްލަ ފަރާތްތަކުން ހިންގާ ސުކޫލްތަކުގައި ކަމަށާ ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރެއަށް ވެކްސިން ނުޖަހާ އެއްވެސް ކުއްޖަކަށް ނުވަދެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސުކޫލެއް އައްޑޫގައި އެބަހުރި ކަމަށާ އަދި އެ ނޫން އެހެން ސުކޫލަކަށްވެސް އެފަދަ ކުއްޖަކު ވައްދާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެކަންކަން ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.