ހިމަބިހި ފެތުރުން

އިންކާރު ކުރިޔަސް ވެކްސިން ދޭނަން: އަމީން

ވެކްސިން ޖަހަން އިންކާރު ކުރާ މީހުންގެ ދަރިންނަށް ވެސް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ވެކްސިން ނުދީހުރި އެއްވެސް ކުއްޖަކަށް ސަރުކާރުގެ ތައުލީމީ ނިޒާމުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ. އަދިވ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހިންގާ ބައެއް ސުކޫލްތަކަށް ވެކްސިން ނުދޭ ކުދިން ވައްދަމުންދާ ކަމަށާ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ.

އަދި ވެކްސިން ދިނުމަށް އިންކާރު ކުރާ މީހުންގެ މައުލޫމާތު ސަރުކާރުގައި އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެއްވެސް ސުކޫލަކަށް، ސަރުކާރުގެ ތައުލީމުދޭ އެއްވެސް ނިޒާމެއްގެ ތެރެއަށް ވެކްސިން ނުދޭ ކުއްޖަކަށް ވެދެވޭނީ ވެކްސިން ދިނުމަށް ފަހު. ފާހަގަ ކުރެވިފައި އެބަހުރި، ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުގެ ސުކޫލްތަކަށް ވަދެފައި ހުރި ކަމަށް... ވެކްސިން ނުޖަހާ މީހުން، އެކަމަށް އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި. މިހާތަނަށް ވެކްސިން ނުޖަހާ ފަރާތްތަކާމެދުގައި ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަަބަބުން ވެކްސިން ނުޖަހާ ފަރާތްތައް އެ ގޮތުގައި ދެމި ތިބީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް އަލުން ފެތުރެން ފަށާފައިވާއިރު، ކުރިން ތިބި ގޮތުގައި ސަރުކާރަށް ތިބެވެން ނޯންނާނެ ކަމަށެވެ. އެހެން ކަމުން އިންކާރު ކުރި ނަމަވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށެވެ.

"އެހެންވީމަ މި ހާލަތުގައި އަޅުގަނޑުމެންނަށް މިވަގުތު މަޑު ކުރެވޭކަށް ނެތް." ވެކްސިން ޖަހަން ބެލެނިވެރިން ދެކޮޅު ހެދި ނަމަވެސް ސަރުކާރުން އެމީހުންގެ ދަރިންނަށް ވެކްސިން ދޭނެ ކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދާދިފަހުން ހަރުކަށި ފިކުރާ ދެކޮޅަށް ރ. މަޑުއްވަރީގައި ސަރުކާރުގެ މުއައްސަސާތަކުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައިވެސް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ ބައެއް މީހުންގެ ދަރިންނަށް ވެކްސިން ދީފައިވާނެ ކަމަށެވެ. އެ ގޮތުން ވެކްސިން ދިނުމަށް އިންކާރު ކުރަމުންދިޔަ ބެލެނިވެރިންނަށް ނަސޭހަތްދިނުމުން ބައެއް ބެލެނިވެރިން އެކަން ގަބޫލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދު ގަބޫލުނުުކުރި ބެލެނިވެރިއެއްގެ ކިބައިން ކުއްޖަކު ނަގާ، ވެކްސިން ދިނުމަށްފަހު އާއިލާގެ އެހެން ބަޔަކާ އެކުއްޖާ ބެލުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. ހިމަބިހި ފެތުުރުން ހުއްޓުވަން ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ވެކްސިން ދިނުމަށް ދެކޮޅު ހަދާ ބެލެނިވެރިންނަށް އެކަމުގެ ނުރައްކާތެރިކަން ބުނެދީ، ކުދިންނަށް ވެކްސިން ދެމުން ގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރަންޖެހޭ ކަމަށްވީއިރު، ވެކްސިން ދިނުމަށް އެއްވެސް ފަރާތަކުން އިންކާރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްފައި ހުރުމެވެ.