ހަބަރު

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެންނަނީ

ބައިނަލް އަގުވާމީ ފަރާތްތަކާއި ގުޅިގެން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެންނަން ނިންމާފައިވާ ކަމަށާއި، އެ ވެކްސިން 10 ވަރަކަށް ދުވަސްތެރޭ ރާއްޖެ ގެނެވޭނެ ކަމަށެވެ.

އަމީން ވިދާޅުވީ، މިހާރު ހިމަބިއްސަށް ވެކްސިން ނުދީ ތިބި މީހުންގެ މައުލޫމާތު މާދަމާގެ ނިޔަލަށް ހޯދާ ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ދާނެ ކަމަށާއި، އެ ބަލި އާދަޔާ ހިލާފަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭ ވަރަށް ވެކްސިން ރާއްޖޭގައި މިހާރު ވެސް އެބަހުރި ކަމަށެވެ. ބަލި ކޮންޓްރޯލްވި ނަމަވެސް، ވެކްސިން ދިނުމުގެ ޕްރޮގްރާމް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ހިމަބިހީގެ ފުރަތަމަ ކޭސް ރިޕޯޓް ކުރި ހުޅުމާލޭގެ އެ ސަރަހައްދަށް މިނިސްޓްރީން ގޮސް ވެކްސިންގެ ހާލަތު ބަލާފައިވާ ކަމަށާއި، މާލެއިން ފެނުނު މީހާ ދިރިއުޅޭ ހިސާބުގައި ވެސް މިނިސްޓްރީގެ ޓީމުތައް ހަރަކާތްތެރިވެ ވެކްސިންގެ ސްޓޭޓަސް ބަލާފައިވާ ކަމަށެވެ.

ވެކްސިން ދޭ އިރު، ކުޑަ ކުދިންނަށް އިސްކަން ދިނުމަށްފަހު، ދެން އިސްކަންދެވޭނީ 40 އަހަރުން ދަށުގެ މީހުންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.