ހިމަބިހި ފެތުރުން

ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ގާއިމު ކުރަނީ

މި ރެއިން ފެށިގެން ހިމަބިއްސަށް ފަރުވާދޭނެ ސެންޓަރެއް ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ހިމަބިހީގެ އިތުރު ކޭހެއް މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި ހިމަބިއްސަށް ޝައްކުވާ އިތުރު ބަލި މީހަކު ވެސް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

ނަމަވެސް ހުން އައިސްގެން ރިޕޯޓް ކޮށްފައިވާ 10 މީހެއްގެ އިތުރު ޓެސްޓް ހަދަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ހިމަބިއްސަށް ފަރުވާ ދިނުމަށް މިރޭ 8:00 އިން ފެށިގެން ހުޅުމާލޭގައި ސެންޓަރެއް ހުޅުވަން ނިންމާފައިވާ ކަމަށާއި، ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަކާއި ބަލި ޖެހިފައިވާ ފަރާތްތަކަށް ދެން ފަރުވާދޭނީ އެތަނުން ކަމަށެވެ. އެއީ ކޮން ތަނެއްކަމެއް މިނިސްޓަރާއި ހެލްތުން ވެސް ސާފެއް ނުކޮށްދެ އެވެ.

އަމީން ވިދާޅުވީ، ހިމަ ބިހި ޖެހިފައިވާ މީހަކު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިތޯ ބަލާފައިވާ ކަމަށާއި، ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ބަލި ޖެހިފައިވާ އިތުރު މީހަކު އަދި ދެނެގަނެވިފައިނުވާ ކަމަށެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް، އެބަލި ޖެހިފައި ހުރި ކުޑަކުއްޖަކު ވަނީ ފެނިފަ އެވެ. އަދި އެކުއްޖާއަކީ ހިމަބިހީގެ ވެކްސިން ނުޖަހާ ހުރި ކުއްޖެއްކަންވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. އޭގެ ފަހުން 30 އަހަރުގެ މީހެއްގެ ގައިންވެސް ވަނީ އެ ބަލި ފެނިފަ އެވެ.